އިބޫގެ ކެންޑިޑެންސީ ގަބޫލުކޮށް ލިޔުން ހަވާލުކޮށްފި

އިބްރާހީމް މުހައްމަދު ސޯލިހް -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ، ކެންޑިޑެންސީ ގަބޫލުކުރި ކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އިބޫގެ ކޭންޑިޑެސީ ފޯމް އެ ކޮމިޝަނުން ބަލައިގަނެ، ކެންޑިޑެސީ ގަބޫލުކުރިކަމުގެ ލިޔުން ހަވާލު ކޮށްފައިވާ ކަމަށެވެ.

މިއަދު ބ. އަތޮޅަށް ކެމްޕޭނު ދަތުރެއްގައި ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކެންޑިޑަސީ ބަލައިގަތުމަކީ އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މަސައްކަތުގައި މުހިންމު އެއް ހަރުފަތް ގިރާކުރެވުން ކަމަށެވެ.

"މިކަމުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ. އުނދަގޫ، ބުރަ މަސައްކަތްތަކެއް ހުރީ. ނަމަވެސް ގުޅިފައިވާ ކޯލިޝަނާއި ސަޕޯޓަރުންނާއި އެންމެން އެކުގައި، 23 ސެޕްޓެމްބަރުގެ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރާނަން،" އިބޫ ވިދާޅުވިއެވެ.

https://sun.mv/108557

އިބޫގެ ކެންޑީޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތު ދުވަހުއެވެ. ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިބޫއާއި ރަނިންގް މޭޓު ފައިސަލް ނަސީމް ވަޑައިގަތީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތައް ހިމެނޭ "މައުމޫން ރިފޯމް މޫވްމަންޓް"ގެ ބޭފުޅުންނާ އެކު ހިންގަވާފައެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު އިބޫއާއި ފައިސަލް ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާ ބައްދަލުކުރައްވައި، އިންތިހާބާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

https://sun.mv/108396

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އޯގަސްޓް ހަތަރުވަނަ ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ފަހުން ވަނީ އޯގަސްޓް 10 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، ބުރާސްފަތި ދުވަހާ ހަމައަށް އިންތިހާބުގައި ބައިވެރިވުމަށް ހަތް ފަރާތަކުން ފޯމު ނަގާފައިވެއެވެ.

comment ކޮމެންޓް