އިބޫގެ ކެންޑިޑެސީ ފޯމު އިލެކްޝަނަށް ހުށަހަޅުއްވައިފި

އިބޫގެ ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފާ ހަވާލު ކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

މިއަދު އެމްޑީޕީ ޖޭޕީ އަދި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީ އޮފީސް ކުރިމަތިން ފެށިގެން ހިނގާފައި ފޯމު ހުށަހެޅުމަށް ވަނީ ގޮސްފައެވެ.

އިބޫގެ ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ 48 ގަޑިއިރުގެ ތެރޭގައި އިލެކްޝަނުން ކެންޑިޑެސީ ބަލައިގެންކަން ނުވަތަ ނޫންކަން އަންގަވާނެ ކަމަށެވެ.

ފޯމު ހުށަހެޅުއްވުމަށް ފަހު މީޑިއާ އާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިނިވަންކަމަށް 53 އަހަރު ފުރުން ފާހަގަކުރުމުން ދާއިރު މިއަދު މިއީ މިނިވަންކަމާ ދިމާއަށް އެޅުނު ކުޑަ ކުޑަ ފިޔަވަޅެއް ކަމަށެވެ.

"ކުރިއަށް ކުރަން ހުރި މަސައްކަތްތައް ބޮޑު. އުނދަގޫ. އެހެން ނަމަވެސް ގޮންޖެހުންތަކާ އެކީގައި އިރާދަކުރެއްވިޔާ އަޅުގަނޑުމެން ކުރިއަށް ގޮސް 23 ސެޕްޓެމްބަރުގައި މި ބާއްވާ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނަން" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ފޯމު ހުށަހަޅުއްވަން ވަޑައިގެން އިލެކްޝަނުގެ ރައީސާ ބައްދަލުވި ބައްދަލުވުމުގައި ހުރި ބައެއް ކަންބޮޑުވުންތަކުގެ ވާހަކަ ހިއްސާ ކުރެއްވި ކަމަށެވެ. އެގޮތުން ރީ ރެޖިސްޓްރޭޝަނާ ގުޅޭގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ހުށަހެޅުއްވި ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި އެމްއެންޑީއެފް ޕޮލިސް ނޫނީ ސަރުކާރުގެ އޮފީހެއްގައިވެސް އިތުރަށް ފޮށި ނުބަހައްޓާނެ ކަމުގެ ޔަގީންކަން ޝަރީފު ދެއްވި ކަމަށް އިބޫ ވިދާޅުވިއެވެ.

comment ކޮމެންޓް