މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން، އޯގަސްޓް 4 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލެވިފައި ވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކުރެވިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ 9:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހުށަހެޅުމަށް އިލެކްޝަނުން ބުނެއެވެ.
ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އަށް ޝަރުތެއް ފުރިހަމަވާން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެއެވެ.
އޭގެ ތެރޭގައި ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުވެސް ވަނީ ހިމަނާފައެވެ. އެގޮތުން ކުރިމަތިލާ މީހާއަކީ އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކަށްވެ ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ހޯދާފައިވާ ފަރާތެއް ނަމަ އެކަން ދޫކޮށްލިތާ 10 އަހަރު ވާން ޖެހެއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކީ ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވާންޖެހެއެވެ. އަދި އުމުރުން 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަށް ވެސް ވާންޖެހެއެވެ. މީގެ އިތުރުން ބުއްދި ހަމައަށް ހުރުމުގެ އިތުރުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރިތާ ތިން އަހަރު ވެފައިވާ މީހަކަށް ވެސް ވާންޖެހެއެވެ.
ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ މީހެއް ނަމަ އެ މީހަކަށް ތާއީދު ކުރާ 18 އަހަރުން މަތީގެ 1،500 މީހުންގެ ނަމާއި އެޑްރެސް އަދި ސޮޔާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.
މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން 40،000 ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓަން ޖެހޭ ގޮތަށް އޮތް އޮތުން ވެސް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ބޮޑު ކުރުމަށް ފާސްކޮށްފައެވެ. އެގޮތުން އެ އަދަދު ވަނީ އެއް ލައްކަ ރުފިޔާއަށް ބޮޑުކޮށްފައެވެ.