މެސެޖުގެ ޒަރިއްޔާއިން ކޮންމެ ރައްޔިތަކަށްވެސް ރައީސް ޔާމީނާ މުއާމަލާތް ކުރެވޭނެ: ތަރުޖަމާނު

ރައީސް ޔާމީން އީދު ސަލާން ކުރައްވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހު

މެސެޖުގެ ޒަރިއްޔާއިން ރައީސް އަބްދުﷲ ޔާމީނާ މުއާމަލާތް ކުރުމަށް އެއްވެސް ރައްޔިތަކަށް އަދި އެމަނިކުފާނުގެ ސަޕޯޓަރަކަށް ހުރަހެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު އެހެން ވިދާޅުވީ އެކެއް ފެބުރުއަރީގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ރައީސް ޔާމީނަށް މެސެޖް ނުކުރުމަށް އޭރު ވިދާޅުވި ހަބަރުގެ ސްކްރީން ޝޮޓްތަކެއް މީސް މީޑިއާގައި ދައުރުވަމުން ދާތީ އެކަމާ ގުޅިގެންނެވެ.

މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެދުވަހު އެގޮތަށް އަންގާފައިވާނީ އޭރުގެ ހާލަތާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް މިހާރަކު އެހާލަތެއް ނެތް ކަމަށާއި މިހާރު ރައީސް ޔާމީނާ އާންމުންނާ ދެމެދު މުއާމަލާތް ކުރުމުގައި ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބާ ދިމާކޮށް އެ ޓްވީޓާއި ހަބަރުގެ ތާރީހު ފޮރުވައިގެން މި ދައުރުކުރާ ސްކްރީން ޝޮޓްގެ ހަގީގަތް އާންމުންނަށް އޮޅުން އަރާ ގޮތަށް ފަތުރަމުން ދާތީ މި އަމަލު ކުއްވެރިކުރަން" މުއާޒުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ކޮންމެ މީހަކަށްވެސް ރައީސް ޔާމީނަށް މެސެޖް ކުރެވޭނެ ކަމަށް މުއާޒު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް