ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްއްޔޫމު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އައްޔަނުކުރައްވައިފިއެވެ.
ހުސްވެފައިވާ އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ނަޝާތު އައްޔަނުކުރުމަށް ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމިން ފޮނުއްވުމުން ޖަލްސާއަށް ހާޒިރުވި 32 މެންބަރުންގެ އިއްތިފާގުން ވަނީ ރުހުން ދެއްވުމަށް ފާސްކޮށްފައެވެ.
އީސީގެ މެންބަރު ކަމަށް ނަޝާތުގެ ނަން ދިރާސާ ކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނަޝާތަށް 75 ޕަސެންޓަށް ވުރެ ގިނަ މާކްސް ލިބިވަޑައިގެންނެވި އެވެ.
ނަޝާތު މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުން ވޯޓު ދެއްވި އެވެ.
ނަޝާތު އެންމެ ފަހުން ހުންނެވީ އިލެކްޝަން ކޮމިޝަނުގެ ޑިރެކްޓަރެއްގެ ގޮތުގައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަން ހުސްވެފައި ވަނީ އެ ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި މުހައްމަދު ޝަކީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.