ދަނޑުގެ ވިނަގަނޑަށް ގެއްލުުންވެ، ލީގު މެޗުތައް ފަސްކޮށްފި

މިނިވަން ދުވަހުގެ ތައްޔާރީތަކާ ގުޅިގެން ދަނޑުގެ ވިނަގަނޑަށް ގެއްލުން ލިބިފައި --- ސަން ފޮޓޯ

މިނިވަން ދުވަހު ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް ގައުމީ ފުޓުބޯޅަ ދަނޑު ބޭނުން ކުރުމުގެ ސަބަބުން ދަނޑުގެ ވިނަގަނޑަށް ގެއްލުންވެ، އަނެއްކާވެސް ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރަން ޖެހިއްޖެއެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ ވިނަގަނޑަށް ލިބުނު ގެއްލުމާ ގުޅިގެން ސާފް ޗެމްޕިއަންޝިޕަށް ލީގު މެދު ކަނޑާލުމުގެ ކުރިން މިމަހުގެ 29، 30 އަދި 31ގައި ކުޅެން ހަމަޖެހިފައިވާ ލީގު މެޗުތައް ވަނީ ސާފް ޗެމްޕިއަންޝިޕްގެ ފަހަށް ފަސްކޮށްފައިވާ ކަމަށެވެ. އެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކުގައި ދަނޑުގެ ވިނަގަނޑަށް ގެއްލުން ވެފައިވާ ކަމަށެވެ.

މީގެ ކުރިން 2015 ވަނަ އަހަރު މިނިވަން 50 ފާހަގަކުރުމަށް ދަނޑުގައި އެޅި މެޓެއްގެ ސަބަބުން ވިނަ ގަނޑު މަރުވިއެވެ. އޭގެ ސަބަބުން އެއަހަރުގެ އެފްއޭ ކަޕް ކެންސަލް ކޮށް، ޕްރެސިޑެންޓް ކަޕްވެސް ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީއަށް ބަދަލު ކުރަން ޖެހުނެވެ. އަދި ރާއްޖެއިން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅެން ޖެހިފައި އޮތް މެޗެއް، އަވޭގައިވެސް ކުޅެން ޖެހުނެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ހަރަކާތްތަކާއެކުވެސް ދަނޑަށް ގެއްލުން ލިބިފައިވާ އިރު، ދަނޑުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ޔޫތު މިނިސްޓްރީންނެވެ.

ޔޫތު މިނިސްޓްރީން ބުނެފައި ވަނީ ވިނަގަނޑަށް ބޮޑަތި ގެއްލުންތަކެއް ނުވި ނަމަވެސް މިނިވަން ދުވަހުގެ ހަރަކާތްތަކަށްފަހު ރިކަވަރީއަށް ދުވަސް ބޭނުންވާނެ ކަމަށެވެ. އަދި އެފްއޭއެމްއިން ކުރިޔާލާ މެޗު ކެންސަލް ކުރީ އެކަމަކަށް ވަގުތު ދިނުމަށް ކަމަށް ބެލެވޭ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ ދަނޑުގެ ވިނަގަނޑަށް ގެއްލުން ކުޑަ ކުރުމަށްޓަކައި މިފަހަރު މެޓް ފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރާ ކަމަށެވެ.

މެޗުތައް ލަސްވުމުގެ ސަބަބުން ކުރިންވެސް އެފްއޭއެމްއާއި ޓީމުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހާއްސަކޮށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅު ތެރޭގެ ޓީމުތަކަށް އެކަން ވާނީ ބޮޑު ގެއްލުމަކަށެވެ.

އެފްއޭއެމްއިން ލީގުގެ ޝެޑިއުލް ބަދަލުކޮށް މިއަދު އާންމުކޮށްފައިވާ އިރު، ދެން ލީގު ފެށޭނީ ސާފް ޗެމްޕިއަންޝިޕަށްފަހު ސެޕްޓެންބަރު 26 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް