އޮޒިލްއަށް ބަޔާންގެ ރައީސްގެ ފާޑުކިޔުން!

ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް -- ފޮޓޯ/ އޭޕީ

ޖަރުމަން ގައުމީ ޓީމަށް މެސުޓް އޮޒިލް ކުޅުން ހުއްޓާލުމުން އުފާކުރާ ކަމަށް ބުނެ، އޮޒިލްއަށް ބަޔާން މިއުނިކްގެ ރައީސް އުލީ ހޮއެނެސް ފާޑު ވިދާޅުވެއްޖެއެވެ.

މިއަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ފެށެނިކޮށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބް އުރުދުގާންއާއި ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގަންއާއެކު ނެގި ފޮޓޯއާ ގުޅިގެން އުމުރުން 29 އަހަރުގެ މިޑްފީލްޑަރު އޮޒިލްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާތީ އޭނާ ވަނީ ޖަރުމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ.

ވޯލްޑް ކަޕް 2014 ކާމިޔާބުކުރި ޖަރުމަނުގެ ސްކޮޑުގައި ހިމެނޭ އޮޒިލް ނެގި އެ ފޮޓޯއާ ގުޅިގެން ޖަރުމަންގެ ފުޓްބޯޅަ އިދާރާއާއި އެ ގައުމުގެ މީޑިއާތަކުން އޮޒިލްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރިއެވެ. ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި އާސެނަލްގެ މިޑްފީލްޑަރު އޮޒިލްއަށް އެންމެ އެދެވޭ ކުޅުމެއް ވެސް ދެއްކިފައެއް ނުވެއެވެ.

"މި ބިރުން ސަލާމަތްވުމުން އުފާކުރަން. އޮޒިލް ދަށް ކުޅުމެއް ކުޅެމުންދާތާ އަހަރުތަކެއް ވެއްޖެ. ބަޔާނުން އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އެޓީމުގެ ބަލިފަޔަކީ އޮޒިލްކަން އަހަރެމެންނަށް އެނގޭ. ހަގީގަތުގައި އޮޒިލްއަށް ގައުމީ ޓީމުން ފުރުސަތު ދޭ ވަރެއް ނުވޭ،" ބަޔާންގެ ރައީސް ހޮއެނެސް ވިދާޅުވިއެވެ.

ޖަރުމަން ޓީމާއެކު އޮޒިލް ފުރަތަމަ މެޗެއް ކުޅުނީ 2009 ވަނަ އަހަރުގެ ފެބްރުއަރީގައެވެ. އޭނާ ވަނީ ގައުމީ ޓީމަށް 92 މެޗު ކުޅެ، 23 ލަނޑު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް