ވޯޓާސް ލިސްޓުގައި ފޮޓޯ ޖަހަން ޖެހޭގޮތަށް ގަވާއިދުގައި ޖެހުނީ ގެޒެޓުކުރުމުގެ އޮޅުމަކުން: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް -- ސަންފޮޓޯ/ މުހައްމަދު އަފްރާހު

ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވޯޓުލާ މީހުންގެ ފޮޓޯ ޖަހަން ޖެހޭ ގޮތަށް ބަޔާންކޮށް ގެޒެޓުގައި އާންމު ކުރެވުނީ ގެޒެޓުކުރުމުގައި ދިމާވި އޮޅުމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިއްޔެ ގެޒެޓުކުރި ގަވައިދުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ވޯޓުލާ ކޮންމެ މަރުކަޒެއްގައި އެ މަރުކަޒެއްގައި ވޯޓުލުމަށް ރެޖިސްޓްރީވެފައިވާ، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓެއް އޮންނަން ވާނެއެވެ.

އެ ލިސްޓުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި އުފަން ތާރީހު އަދި އައިޑީކާޑު ނަމްބަރާއި ފޮޓޯ އެނގެން އޮންނަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެއީ ގަވާއިދު ގެޒެޓް ކުރުމުގައި ހިނގާފައިވާ އޮޅުމެއް ކަމަށެވެ. އަދި އެ ގަވާއިދު އިސްލާހުކޮށް އަލުން ގެޒެޓް ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

" އެއީ ގެޒެޓް ކުރުމުގައި އަރާފައިވާ އޮޅުމެއް" އަކްރަމް ވިދާޅުވިއެވެ.

https://www.sun.mv/107560

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖަހާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ މޫނު ބުރުގާ އެޅި ގިނަބައެއްގެ ޝަކުވާ ލިބިފައި ވުމާއެކު އެ މީހުންގެ ހައްގު ހިމާޔަތްކުރުމަށް ކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.

އިއްޔެ ގެޒެޓުކުރި ރިޔާސީ އިންތިޚާބުގެ ގަވައިދުގައި، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމާއި، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމާއި، ކެންޑިޑޭޓުންގެ ނަން އިއުލާނުކުރުމާއި ކެމްޕޭންކުރުމުގެ އިތުރުން ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި، އިންތިޚާބު މޮނީޓަރުކޮށް އޮބްޒާވުކުރުމާއި ނަތީޖާ އިއުލާނުކުރުމާއި އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމާއި ޝަކުވާ ހުށަހެޅުން ފަދަ ކަންކަމާ ބެހޭ މާއްދާތައް ހިމެނެއެވެ.

comment ކޮމެންޓް