ވިހެއުމަށް ފަހު ދަރިފުޅު ވަޅުލި ކަމަށް ބުނާ ދެމަފިރިން ގޭ ބަންދަށް ބަދަލުކޮށްފި

ތުއްތު ކުއްޖާ ވަޅުލާފައިވާ ކަމަށް ބުނާ ސަރަހައްދުގެ މޫދު ---

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ތުއްތު ކުއްޖަކު ވިހެއުމަށް ފަހު ވަޅުލިކަމަށް ބުނެ ދައުވާ އުފުލާފައިވާ ދެމަފިރިން ގޭ ބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ތުއްތު ކުއްޖާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމަފިރިންނަކީ މަރަދޫފޭދޫ ފިނިފެންމާގެ އިބްރާހިމް ވިޝާމް އާއި ހަމަ އެ ރަށު ޝޮމްރޮކް އައިމިނަތު ޝާހީ އާލަމް އެވެ.

އެ ހާދިސާ ހިނގާފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ގަ އެވެ. އެ ހަފުތާ އިން ފެށިގެން އެ ދެމަފިރިން ތިބީ ޖަލު ބަންދުގަ އެވެ.

ދެމެފިރިންގެ މައްޗަށް ދައުލަތުން ކުރަނީ ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ. މިއަދުގެ އަޑު އެހުމުގައި ވަނީ ދައުލަތުން ހުށަހެޅި ތިން މީހުންގެ ތެރެއިން ދެ ފުލުހެއްގެ ހެކިބަސް ނަގައިފަ އެވެ. އެ ދެ ފުލުހުންނަކީ އެރޭ ތުއްތު ކުއްޖާ ހޯދުމަށް ފަހު ހޮސްޕިޓަލަށް ގެންދިއުމުގައި ހަރަކާތްތެރިވި ފަސް ފުލުހުންގެ ތެރޭގައި ހިމެނޭ ދެ ފުލުހުންނެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދެމުން ދެ ފުލުހުން ވެސް ބުނެފައި ވަނީ ވިހެއުމަށް ފަހު ތުއްތު ކުއްޖަކު ވަޅުލިކަމުގެ ރިޕޯޓް ލިބުމާ އެކު އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. އެ ކުއްޖާ ފެނިފައި ވަނީ ނައިޓް ރޯސް ގެއާ ދިމާލުން އަތިރިމަތީގައި ޓީޝާޓަކަށް ލައި އޮޅާލުމަށް ފަހު އެއް ފޫޓު ހުންނަވަރުގެ ވަޅަކަށް ލައި ފަސް އަޅާފައި ވަނިކޮށް ކަމަށް ވެސް ދެ ފުލުހުން ބުންޏެވެ. އަދި އޭގެ ތެރެއިން އެއް ފުލުހަކު ބުނީ ފެން ދުއްޔެއްގެ ތެރޭގައި އޮތް އެ ކުއްޖާ ނެގިއިރު ވިންދު ޖަހާ ކަމަށެވެ. އަދި 15 ވަރަކަށް މިނެޓް ތެރޭގައި އެ ކުއްޖާ ނަގައިގެން ހިތަދޫ ރީޖަން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ދެ ފުލުހުން ބުންޏެވެ.

މިއަދު ހެކިބަސް ދިން ދެ ފުލުހުންނަށް އެއީ ކާކުގެ ކުއްޖެއް ކަމެއް ނޭނގެ އެވެ. އަދި ދައުވާ އުފުލާފައިވާ ދެމަފިރިންނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ވެސް އެނގިފައި ނުވާ ކަމަށް ދެ ފުލުހުން ވެސް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އޭރު ބުނެފައި ވަނީ، ތުއްތު ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވިންދު ހުރިކަމަށް ކުއްޖާ އާއި ފުރަތަމަ ހާވަލުވި ނަރުސް ބުނެފައިވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރުން އެކުއްޖާ ބެލި އިރު ނިޔާވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރު ކުއްޖާގެ ބަރުދަނުގައި 22 ގްރާމް އަދި އިސްކޮޅުގައި ހަތް އިންޗި ހުރިކަމަށާއި މި ކުއްޖާއަކީ ބަނޑަށް 20 ހަފްތާގައި ދުވަސް ނުފުރާ ވިހާފައި ނުވަތަ އެބޯޓްކޮށްލާފައިވާ ކުއްޖެއް ކަމަށް ވެސް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފަ އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުގައި ދެމަފިރިންގެ ވަކީލުން އެދިފައި ވަނީ މައްސަލަ ދިގުލައިގެން ދާތީ ދެ މީހުން ގޭ ބަންދަށް ނުވަތަ ދޫކޮށްލުމަށް އެދިފަ އެވެ. އަދި ދައުލަތުން ވެސް އެކަމަށް އިއުތިރާޒުކޮށްފައި ނުވާތީ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ޝަހީދު ނިންމެވީ ދެމަފރިން ގޭ ބަންދަށް ބަދަލު ކުރުމަށެވެ.

އެ މައްސަލާގައި ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ތިން ވަނަ މީހާގެ ހެކިބަސް ނެގުމެވެ.

comment ކޮމެންޓް