އާލާ 19 ވަނަ އިންޓަ ރިސޯޓު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ބަނޑޮސް މޯލްޑިވްސްއިން ހޯދައިފިއެވެ.
ބަނޑޮހުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ބަނޑޮހުން ގްރޭންޑް ޕާކް ކޮއްދިއްޕަރު ބަލިކުރީ ސީދާ ތިން ސެޓުންނެވެ.
ވާދަވެރި ކުޅުމަކަށްފަހު ބަނޑޮހުން ފުރަތަމަ ސެޓު ގެންދިޔައީ 25-20އިންނެވެ. ދެވަނަ ސެޓުގައި ކޮއްދިއްޕަރު ރަނގަޅަށް ކުޅުނު ނަމަވެސް ސެޓު ގެންދިޔައީ ބަނޑޮހުންނެވެ. އެ ސެޓު ބަނޑޮހުން ގެންދިޔައީ 25-23އިންނެވެ.
ބަނޑޮހުން ޗެމްޕިއަންކަން ޔަގީން ކުރީ ފަހު ސެޓު 25-21އިން ގެންގޮސްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބަނޑޮހުގެ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ)އެވެ.
އިއްޔެގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް ތަށްޓާއި ހަނދާނީ ލިޔުންވެސް ދީފައިވާ އިރު، ޗެމްޕިއަން ޓީމަށް މެޑަލްއާއި ފައިސާގެ އިނާމުވެސް ވަނީ ދީފައެވެ.
މުބާރާތުގެ މަގާމުތައް:
- ބެސްޓް އައުޓްސައިޑް އެޓޭކަރ - އަހުމަދު އަބްދުލްކަރީމް (ލޯންގޭ)/ ބަނޑޮސް މޯލްޑިވްސް
- ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރ - އަޝްފާގު އާދަމް (އައްކަޅޭ)/ ގްރޭންޑް ޕާކް ކޮއްދިއްޕަރު
- ބެސްޓް މިޑްލް ބްލޮކަރ- މުހައްމަދު އަހުސަން/ ގްރޭންޑް ޕާކް ކޮއްދިއްޕަރު
- ސެކަންޑް ބެސްޓް މިޑްލް ބްލޮކަރ - ހުސައިން ސައީދު/ ބަނޑޮސް މޯލްޑިވްސް
- ބެސްޓް ސެޓަރު - އަހުމަދު ސިމާއު
- ބެސްޓް އޮޕޮސިޓް ޕްލޭޔާ - ލާހިރު/ ގްރޭންޑް ޕާކް ކޮއްދިއްޕަރު
- ބެސްޓް ލިބަރޯ - މުހައްމަދު ޝާހު
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބަނޑޮސް މޯލްޑިވްސްގެ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ހޮވިފައިވާ އިރު، އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބަނޑޮސް މޯލްޑިވްސްގެ ހުސައިން ރަޒާނެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބަނޑޮހުގެ ކޯޗު އަހުމަދު ސާޖިދު (ކާއްޓޭ)އެވެ.
އިއްޔެ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފްގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއީލްވެސް ވަނީ ބައިވެރިވެރިވެ ލައްވާފައެވެ.