ރަސްފަންނު ސަރަހައްދުގައި ތަރައްގީ ކުރާ 'ކޮރަލް ބޮލެވާޑް' މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީގެ 28 ބުރީގެ ހަތަރު އިމާރާތުގެ ބިންގާ ރައީސް އަބްދުﷲ ޔާމީން އަޅުއްވައިދެއްވައިފިއެވެ.
ހަތް ދިހަ ހާސް އަކަފޫޓުގެ ސަރަހައްދެއްގައި އަޅާ 28 ބުރީގެ ހަތަރު ޓަވަރުގެ ބިންގާ ރައީސް ޔާމީން އަޅުއްވައިދެއްވާފައިވަނީ މިރޭ ރަސްފަންނު ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރަސްފަންނުގައި އިމާރާތް ކުރާ 28 ބުރީގެ ހަތަރު ޓަވަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް
ރަސްފަންނު ސަރަހައްދުގައި އަޅާ 100 މީޓަރު އުސް ހަތަރު ޓަވަރުގެ ތެރެއިން އެއް ޓަވަރު ތަރައްގީ ކުރަނީ 228 ކޮޓަރިއާއެކު ލަގްޒަރީ ހޮޓަލެއްގެ ގޮތުގައެވެ. އެ ހޮޓަލުގެ ބޮޑު މިނަކީ 8،600 އަކަފޫޓެވެ.
އަނެއް ތިން ޓަވަރު ހާއްސަކޮށްފިވަނީ 533 އެޕާޓްމެންޓާ އެކު ރެޒިޑެންޝަލް ޑިވޮލަޕްމެންޓަށެވެ. އޭގެތެރޭގައި ހިމެނެނީ ދެ ބެޑް ރޫމާއި ހަތަރު ބެޑް ރޫމްގެ ލަގްޒަރީ ޔުނިޓްތަކެކެވެ. އެގޮތުން ޓަވަރު ދޭއްގައި 10،000 އަކަފޫޓް ހިމެނޭއިރު ޓަވަރު ތިނެކަށް ވަނީ 13،000 އަކަފޫޓުގެ ބިމެއް ޚާއްސަކޮށްފައެވެ. އަދި ސްކައި ވިލާސްއާ އެކު ތަރައްގީ ކުރާ ތިން ވަނަ ޓަވަރުގެ ބޮޑު މިނަކީ 8،666 އަކަފޫޓެވެ.

ރަސްފަންނުގައި އިމާރާތްކުރާ ކޮރަލް ބްލެވާޑްގެ ޓަވަރުތަކުގެ ނަމޫނާއެއް --- ފޮޓޯ: ރައީސް އޮފީސް
ތިން ރެޒިޑެންޝަލް ޓަވަރުގެ 15 ޕަސެންޓް ގުދުރަތީ ގަހުން ފެހި ކުރުމަށް ނިންމާފައިވާއިރު ޒަމާނީ ފެންވަރުގެ ސްވިމިން ޕޫލްތަކާއި ކުޑަކުދިން ކުޅެން ޚާއްސަ ސަރަހައްދު ތަކުގެ އިތުރުން ބާބަކިއު އޭރިއާއެއް ވެސް ހުންނާނެއެވެ.
އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 220 މިލިއަން ޑޮލަރެވެ. އަދި ތިން އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައި އެއްކޮށް އެ މަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ރަސްފަންނުގައި އިމާރާތް ކުރާ 28 ބުރީގެ ހަތަރު ޓަވަރުގެ ބިންގާ ރައީސް އަޅުއްވައި ދެއްވުމަށްފަހު ނަމޫނާ އިމާރާތް ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް
"މިއީ މިހާރު މި މާލޭގައި އަދި މުޅި ރާއްޖޭގައި ވެސް އެންމެ އަގުބޮޑު ސަރަހައްދު. އެންމެ އަގުބޮޑު ސަރަހައްދަށް ވެގެންދާ ސަބަބަކީ ސަރުކާރުން އެންމެ ލޯ ލާރިއެއް ވެސް ގެރެންޓީއެއްގެ ގޮތުގައި ވެސް ދޭން ނުޖެހި އެއްވެސް ޚަރަދެއް ސަރުކާރުން ނުކޮށް އަމިއްލަ ފަރާތަކުން 220 މިލިއަން ޑޮލަރު މިތަނަށް ޚަރަދު ކުރުމަށް ނިންމުމުން،" އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ހަތަރު ޓަވަރު އެޅުމަށް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.
ޗަންހުއާ އަކީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ކުންފުންޏެވެ.