އިންޑިއާގެ ރާޖިސްތާނުގައި، ގެރިތަކެއް ކަތިލަން އުޅުނުކަމުގެ ތުހުމަތުގައި، ހިންދޫންތަކެއް މުސްލިމަކު މަރާލައިފިއެވެ.
އުމުރުން 28 އަހަރުގެ އަކްބަރު ޚާންއަށް ހަމަލާދީ މަރާލާފައި ވަނީ، ރާޖިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ރަށެއްގައި ގެރިތަކެއް އެއްތަނުން އަނެއްތަނަށް ގެންދަން މަސައްކަތް ކުރަނިކޮށް ކަމަށް ރާޖިސްތާނުގެ ފުލުހުން ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޙާންއަށް ހަމަލާ ދީފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ އާއި އެހެން މީހަކު އެ ރަށުގެ ތެރެއިން ދަތުރުކުރަމުން ދަނިކޮށެވެ.
ޚާން އާ އެއްކޮށް ހުރި މީހާ އެ ސަރަހައްދުން ފިލި ނަމަވެސް ޚާން އަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ.
ރާޖިސްތާނުގެ ޗީފް މިނިސްޓަރު، ވަސުންދަރަ ރާޖޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ހަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި އެ ކަމުގައި ބައިވެރި ފަރާތްތަކަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާޖިސްތާނުގެ ފުލުހުންގެ އިންސްޕެކްޓަރު ޖެނެރަލް ހެމާންތް ޕްރިޔަދަރްޝީ "އޭފްޕީ" އަށް ވިދާޅުވީ އަކްބަރު ޚާންގެ މަރާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ ހާދިސާ ހިނގި ސަރަހައްދުން ކަމަށާއި، އެ ހަމަލާގައި ބައިވެރިވި އެހެން މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގެރި ކަތިލަން އުޅުނު ކަމަށް ބުނެ ރާޖިސްތާނުގައި މީގެ ކުރިން ވެސް ހިންދޫން މުސްލިމުންނަށް ހަމަލާދީފައިވެ އެވެ. އެގޮތުން އެ ތުހުމަތުގައ،ި މިދިޔަ އަހަރުގެ އޭޕްރިލް މަހު ޕެހްލޫ ޚާން ނަމަކަށް ކިޔުނު މުސްލިމް މީހަކު ވެސް އެ ސްޓޭޓުގައި މަރާލާފައިވެއެވެ.
އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ގެރި ކަތިލުމަކީ މަނާ ކަމެކެވެ. އަދި ބީފް އިން ތައްޔާރުކޮށްފައި ހުންނަ ތަކެތި ވިއްކުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުން ވެސް ބައެއް ސްޓޭތުތަކުގައި ވަނީ މަނާކޮށްފައެވެ.