ފޮލޮރިޑާ (28 ނޮވެންބަރު 2026): ޔޫރަޕްގެ ކޮންމެ ގައުމަކަށް ހަމަލާ ދިނުމުގެ ގާބިލްކަން މިހާރު އީރާނަށް ލިބިފައިވާކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ މިއީ އީރާނުގެ ނުރައްކާތެރިކަން ހާމަވާކަމެއްކަމަށް އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރަސްމީ ބަންދު ދުވަހެއްކަމަށްވާ "ތޭންކްސްގިވިންގް ޑޭ" ގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ ޔޫރަޕްގެ ކޮންމެ ގައުމަކަށް ފޯރާވަރުގެ މިސައިލް އީރާނުން މިހާރު އުފައްދައިފިކަމުގެ ޖާސޫސީ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް އެމެރިކާއަށް ހަމަލާދެވޭ ވަރުގެ މިސައިލް އީރާނުގައި އަދި ނެތެވެ.
މިއަހަރުގެ ތޭންކްސްގިވިންގް ޑޭ ގެ ގޮތުގައި އެމެރިކާގައި ފާހަގަކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. މިއީ އެމެރިކާގެ ހުރިހާ ސްޓޭޓްތަކެއްގައި ވެސް ރަސްމީ ބަންދު ދުވަހެކެވެ. ޓްރަމްޕް މިހެން ވިދާޅުވުމުގެ ކުރިން އީރާނުގެ މަސްއޫލުވެރިންވަނީ އެމެރިކާއިން އީރާންއަ ދެކޮޅަށް އިތުރު އުދުވާނެއް ފުޅާދާއިރާއެއްގައި ހިންގައިފިނަމަ ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.
އީރާނުގެ ލޮކޭޝަން އޮތްތަނަށް ބަލާއިރު 5،000 އާއި 6،000 ކިލޯމީޓަރުގެ ރާސްތާގެ މިސައިލުން ޔޫރަޕްގައިވާ އެމެރިކާގެ ބޭސްތަކަށް ހަމަލާދެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުން އެ ގައުމުގެ މިސައިލްތަކުގެ ރޭންޖްތައް މަތިކުރުމުގެ ސްޓްރެޓީޖިކް ނިންމުމެއް ނިންމީ މީގެ ހައެއްކަ މަސްކުރިން (މިދިޔަ ޖޫންމަހު) އެވެ. އެއީ އެމެރިކާގެ އުދުވާނަށް ރައްދުދީ އަމިއްލަ ނަފްސު ދިފާއު ކުރުމަށް އީރާނުން ރޭވި ޕްލޭންއެކެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް --މި ޕްލޭން ރޭވުމާއެކު ރޮކެޓް ސައެންސްގެ ދާއިރާގައި މަސައްކަތްކުރާ އީރާނުގެ ސައެންސްވެރިންނާއި އިންޖިނޭރުންގެ ޓީމްތަކުންވަނީ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް އުފެއްދުމުގެ އަމަލީ މަސައްކަތް ޖޫންމަހު ފަށައިފައެވެ. މިއީ އެއްބައްރުން އަނެއް ބައްރަށް ދަތުރުކުރާ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް، އީރާނުން އުފެއްދި ފުރަތަމަ ފަހަރެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އީރާނުން މިހާތަނަށް ދުރުރާސްތާގެ މިސައިލް ގެ ގޮތުގައި އުފައްދާފައިވަނީ ދެ ރާސްތާއެއްގެ މިސައިލެވެ. އެއީ 4،500 ކިލޯމީޓަރުގެ ރާސްތާގެ މިސައިލްއާއި 5،500 ކިލޯމީޓަރުގެ ރާސްތާގެ މިސައިލެވެ. ނަމަވެސް 6 ހާސް ކިލޯމީޓަރުގެ ރާސްތާގެ މިސައިލް އުފެއްދުމުގެ ރީސާޗްތައް އީރާން ކުރަމުންގެންދާކަމަށް ވަނީ ބެލެވިފައެވެ.
5 ހާސް ކިލޯމީޓަރުން މަތީ ރޭންޖްތަކުގެ މިސައިލްތަކަކީ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް ނުވަތަ "އައިސީބީއެމް" މިސައިލް އެވެ. މިފެންވަރުގެ މިސައިލް އުފެއްދެނީ ދުނިޔޭގެ އެންމެ ހައެއްކަ ގައުމަށެވެ. އޭގެތެރޭގައި ހިމެނެނީ ރަޝިއާ، އެމެރިކާ، ޗައިނާ، އުތުރުކޮރެއާ އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތެވެ. މިލިސްޓަށް މިހާރު އީރާން މިވަނީ އަރައިފައެވެ.
އިންޑިއާގައި ވެސް "އައިސީބީއެމް" ހުރިކަމަށް ވަނީ ޝައްކު ކުރެވިފައެވެ. ނަމަވެސް މިބާވަތުގެ ދުރުރާސްތާގެ މިސައިލް އުފައްދާކަން އިންޑިއާއިން ރަސްމީ ސިފައެއްގައި އިއުލާން ކޮށްފައެއް ނުވެއެވެ. އީރާނުން ދާދިފަހުންވަނީ ފަރުބަދަ ތަކުގެ އަޑީގައި މިސައިލް ސިޓީއެއް ގާއިމްކޮށްފައިވާކަން ހާމަކޮށްފައެވެ. އީރާނުން ދުރުރާސްތާގެ މިސައިލް އުފައްދަނީ އެފަދަ ބިންގަރާސް ސިޓީތަކުގައި ކަމަށްވަނީ ބެލެވިފައެވެ. އެމެެރިކާގެ އުދުވާން އާއެކު އީރާނުން އަސްކަރީ ބާރު ކުރިޔަށްވުރެ މާބޮޑަށް ވަރުގަދަކޮށްފިކަން އީރާނުގެ އަސްކަރީ މަސްއޫލުވެރިންވަނީ ހާމަކުރައްވައިފައެވެ.