ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ގްރީސްގައި ޗުއްޓީ ހޭދަކުރި ހޮޓެލްގެ ހިދުމަތްތަކާ މެދު ހިތްހަމަޖެހުން ފާޅުކުރުމުގެ ގޮތުން ހޮޓެލްގެ މުވައްޒަފުންނަށް ފައިސާގެ ބޮޑު ހަދިޔާއެއް ދީފައިވާ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.
ފީފާ ވޯލްޑް ކަޕް ކުރިއަށްދަނިކޮށް، ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ޔުވެންޓަސްއާ ރޮނާލްޑޯ ގުޅުނީ 100 މިލިއަން ޔޫރޯގެ އަގަކަށެވެ. ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯއަށް ކޮންމެ ސީޒަނެއްގައި 30 މިލިއަން ޔޫރޯ ލިބޭނެއެވެ.
އިޓަލީގެ ޔުވެންޓަސްއާ ގުޅުމުގެ ކުރިން އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރޮނާލްޑޯ ހިޔާރުކުރީ ގްރީސްއެވެ. އޭނާ ގްރީސްއަށް ދިޔައީ ވޯލްޑް ކަޕްގެ ގަދަ 16ގައި އުރުގުއާއީ އަތުން ޕޯޗުގަލް ބަލިވި މެޗަށްފަހުއެވެ.
ގްރީސްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒަށް ހޮޓެލްގެ މުވައްޒަފުންގެ ހިދުމަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހުނުކަން ވަނީ ފާހަގަވެގެން ގޮސްފައެވެ. ހަބަރުތައް ބުނާ ގޮތުގައި ހޮޓެލްގެ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި 20،000 ޔޫރޯ އޭނާ ދިނެވެ.
ގްރީސްގެ އޮންލައިން ކުޅިވަރު މެގަޒިން، ސްޕޯޓައިމް އިން ބުނާގޮތުގައި ރޮނާލްޑޯ ވަނީ ހޮޓެލްގެ ދިހަ މުވައްޒަފަކަށް ފައިސާގެ ހަދިޔާ ދީފައެވެ. ޕަޕަރާޒީންގެ އުނދަގޫތަކުން ސަލާމަތްވުމަށް އެހީތެރިކަން ފޯރިކޮށްދިން ދިހަ މުވައްޒަފުންގެ ތެރެއިން ކޮންމެ މުވައްޒަފަކަށް 2000 ޔޫރޯ ދިން ކަމަށް އެ ނޫހުން ބުނެއެވެ.
އާއިލާއާއި ގާތް އެކުވެރިންނާއެކު ރޮނާލްޑޯ ވަނީ ގްރީސްގެ ދަ ރޯޔަލް މެތޮނީ ވިލާގައި ދިހަ ދުވަސް ހޭދަކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި ފޮޓޯގްރާފަރުންގެ އުނދަގޫތަކުން ސަލާމަތް ކޮށްދިނުމަށް އަބަދުވެސް ހޮޓެލްގެ ބަޓްލަރު ސާވިސް، ރޮނާލްޑޯއަށް ދިޔައީ ލިބެމުންނެވެ.
ރޮނާލްޑޯއާއި ޖޯޖީނާގެ އިންސްޓަގްރާމް އެކައުންޓުން ޗުއްޓީގައި ހޭދަކުރި ދުވަސްތަކުގެ ފޮޓޯތައް ދިޔައީ ޕޯސްޓު ކުރަމުންނެވެ. ޔުވެންޓަސްއަށް ބަދަލުވުމަށް އެ ކްލަބުގެ ރައީސް އަންދްރޭ އަގްނެއްލީއާ ވެސް ރޮނާލްޑޯ ބައްދަލުކުރީ ގްރީސްގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.
ޗުއްޓީ ނިންމާލުމަށްފަހު ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ މެޑިކަލްގައި ބައިވެރިވެ، އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމަށް އިޓަލީއަށް ގޮސްފައެވެ. ކްލަބުގެ ކުޅުންތެރިންނާއި ކްލަބުގެ ސަޕޯޓަރުންނާ ވެސް ރޮނާލްޑޯ ވަނީ ބައްދަލުކޮށްފައެވެ.
ޔުވެންޓަސްގެ ޕްރީ ސީޒަން ޓުއާގައި ރޮނާލްޑޯ ބައިވެރިވާނެ ކަމަކަށް ނުބެލެވެއެވެ. ޔުވެންޓަސްގެ ޕްރީ ސީޒަން ޓުއާގެ ތެރެއިން ވާދަކުރާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބަޔާން މިއުނިކާއި ބެންފީކާ އަދި ރޮނާލްޑޯގެ ކުރީގެ ކްލަބު ރެއާލް މެޑްރިޑާ ދެކޮޅަށް ވެސް ކުޅޭނެއެވެ.