ނުކުޅެދުންތެރިކަން ހުންނަކުދިންނަށްވެސް ފުރުސަތު ދީފިނަމަ ހުނަރު ނެރެވިދާނެ: ޒެނީޝާ

އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ދައްކުވައިދޭ "އާޓް އޮފް މައިންޑް 2018" މައުރަޒު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޒެނީޝާ ވާހަކަދައްކަވަނީ-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

އެހެންކުދިންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ހުނަރުތައް ތަރައްޤީކުރުމަށް ފުރުސަތުތައް ހޯދައި ދީ، ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް ތަނަވަސްކޮށް ދޭ ނަމަ، އެ ކުދިންނަކީ ވެސް އާދަޔާ ހިލާފު ހުނަރުވެރި ބައެއްގެ ގޮތުގައި ފެނިގެން ދާނެކަމަށް ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ދައްކުވައިދޭ "އާޓް އޮފް މައިންޑް 2018" މައުރަޒު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމުކުރާ މައުރަޒުތަކުން އޯޓިޒަމް ހުންނަ ކުދިންގެ ހުނަރުވެރި މަސައްކަތްތައް ފެނިގެންދާކަމަށެވެ.

ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވެސް އެ ކުދިން ކާމިޔާބީތައް ހޯދަމުން އަންނަކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ދައްކުވައިދޭ "އާޓް އޮފް މައިންޑް 2018" މައުރަޒު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ޒެނީޝާ ވިދާޅުވީ ނުކުޅެދުންތެރިކަމާ ގުޅޭ ގޮތުން މުޖުތަމަޢު ހޭލުންތެރިވެފައިވާ މިންވަރު އިތުރުވަމުން ދިޔަކަމުގައިވިޔަސް، އެ ކުދިންގެ ހުނަރުތައް ތަރައްޤީކޮށް، އާއިލާތަކަށް ހިތްވަރު ދީ، ކުދިންނަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް މުޖުތަމައުގެ ދައުރު މިހާރަށް ވުރެ ފުޅާކުރަންޖެހޭކަމަށެވެ.

އަދި އެ މަސައްކަތުގައި އެކި މުއަސަސާތަކާއި، ކުންފުނިތަކާއި، ޖަމުޢިއްޔާތަކާއި ފަރުދުންގެ ބައިވެރިވުން ޢަމަލީ ގޮތުން އިތުރުކުރުމަށްވެސް ޒެނީޝާ އިލްތިމާސްކުރެއްވިއެވެ.

ޒެނީޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކައުތެރިކޮށް، ކުރިއެރުވުމުމަށް ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ.

އަދި އެ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، ބާރުވެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުން އެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާތަކާއެކު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ޒެނީޝާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް