ރައީސް މައުމޫން ފޯނު ދެއްވި ނަމަ މިއަދު ޖަލުގައި އޮންނަވާކަށް ނުޖެހޭނޭ: ރައީސް

ރައީސް ޔާމީން އަދި ރައީސް މައުމޫން: ތަހްގީގަށް ފޯނު ދެއްވި ނަމަ ރައީސް މައުމޫން މިއަދު ޖަލުގައި އޮންނަވާކަން ނެޖެހުނީސް ކަމަށް ރައީސް ޔާމީން ވިދާޅުވި ---ސަން ފައިލް ފޮޓޯ

ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯބައިލް ފޯނު ތަހުގީގަށް ދެއްވި ނަމަ މިއަދު އެމަނިކުފާނު ޖަލުގައި އޮންނަވާން ޖެހިވަޑައިނުގަތީސް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލަކަށް ހދ. ހަނިމާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަދި ވެސް އެންމެ އިހްތިރާމް ކުރައްވަނީ ރައީސް މައުމޫނަށް ކަމަށާއި އަދި އެމަނިކުފާނު އެގޮތަށް އެ ދުވަހު އަމަލު ނުކުރެއްވި ނަމަ ޖަލުގައި އޮންނަވާކަށް ނުޖެހޭނެ ކަމަށެވެ.

ރިޝްވަތާއި ސަރުކާރު ވައްޓާލަން ރޭވުމުގެ އިތުރުން ޓެރަރިޒަމް ފަދަ ބޮޑުތު ތުހުމަތުތަކެއް ކޮށްފަައިވާ ރައީސް މައުމޫން ހުންނެވީ ޝަރީއަތްތައް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި ހުންނެވީ ފުލުހުންގެ ހައްޔަރުގައި ދޫނިދޫގަ އެވެ.

އެހެން ނަމަވެސް ރައީސް މައުމޫން ގޭ ބަންދަށް ބަދަލުވުމަށް ވަރަށް ގިނަ ފުރުސަތުތަކެއް ދީފައިވާ ކަމަށް ވެސް ރައީސް ޔާމީން އިޝާރާތްކުރެއްވި އެވެ. އަދި އެ ފުރުސަތު ލިބޭނީ ރައީސް މައުމޫން ވެސް ގާނޫނާ އެއްގޮތަށް އަމަލުކުރައްވައި ފޯން ދެއްވި ނަމަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވެސް ރައީސް މައުމޫނަށް އެ ފުރުސަތު އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ތަހުގީގަކަށް މީހަކަށް ތުހުމަތުކުރެވި ތަހުގީގަކަށް މީހަކު ގެންދާ ނަމަ އެންމެ ފުރަތަމަ އެ ކުރެވޭ ތުހުމަތުތަކަކަށް ބަލާ އިރު އެ ތުހުމަތަކީ ފޯނުގެ ޒަރިއްޔާ އިން އިންޓަނެޓް ޒަރިއްޔާ އިން ހިނގާފައިވާ މުއާމަލާތެއް ނަމަ ފުލުހުން ބޭނުންވާނެ ފޯނާއި އިންޓަނެޓްގެ ޒަރިއްޔާ ބޭނުންކުރި ސާމާނު ހޯދަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ފޯނުގެ ޕިން ކޯޑު ނުދިނުމުގެ ސަބަބުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ހުކުމް ކޮށްފައިވާ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެހެން މީހަކު އެފަދަ ކުށެއް ކުރެއްވި ނަމަ ފުލުހުން ފޯނު ދެއްވަނަ އެދުމުގެ ބަދަލުގައި ފޯނު އަތުލައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް ރައީސް މައުމޫން އަރިހުން އެންމެ ފުރަތަމަ ފުލުހުން އެދިވަޑައިގަތީ ފޯނު ދެއްވުމަށް ކަމަށާއި ނަމަވެސް ރައީސް މައުމޫން ފޯނު ދެއްވާފައި ނުވާ ކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

"އެމަނިކުފާނު [ރައީސް ޔާމީން] އެންމެ ފުރަތަމަ ފޯނު ދެއްވާނެ ކަމުގެ އުންމީދެއްގައި އަޅުގަނޑުމެން ތިބީ. އެ އުންމީދު އަޅުގަނޑުމެނަށް ދެއްވީމާ. ފޯނު ދެއްވި ނަމަ އެކަހެރިކޮށް އިންނަވާކަށް ނުޖެހުނީސް. ގޭގައި ހުންނަވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް