ހުއްދަ ނުނަގާ ބޭރުގެ ފަރާތްތަކަށް އިންތިހާބު މޮނިޓާ ކުރުމުގެ ފުރުސަތެއް ނުދެވޭނެ: އިލެކްޝަން

އެންމެ ފަހުން ބޭއްވި ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނަނީ: ކުރިއަށް އޮތް ރިޔާސީ އިންތިހާބް މޮނިޓާ ކުރެވޭނީ ހަމައެކަނި ހުއްދަ ދޫކުރާ ފަރާތްތަކަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސެޕްޓެމްބަރު 23ގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބް މޮނިޓާ ކުރެވޭނީ އެކަމުގެ ހުއްދަ ނަގާފައިވާ ބޭރުގެ ފަރާތްތަކަށް އެކަނި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ކުރިން މޮނިޓަރަކަށް އެދޭ ބޭރުގެ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. އަދި މިހާރު ވެސް ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަން އިލެކްޝަނުން ފާހަގަކުރިއެވެ.

ރިޔާސީ އިންތިހާބް މޮނިޓަކުރުމަށް ހަރަކާތްތެރިވެވޭނީ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

"ކޮމިޝަނަށް ހުށަހަޅައިގެން ބައިނަލްއަޤްވާމީ މޮނިޓަރުކަމުގެ ހުއްދަ ދޫކުރާ ފަރާތްތައް ފިޔަވައި އެހެނިހެން ގޮތްގޮތަށް ރާއްޖެ އަންނަ ފަރާތްތަށް އިންތިޚާބުގައި މޮނިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ މަނާކަމެއްކަމުގައިވެސް ދަންނަވަމެވެ،" އިލެކްޝަނުން މީޑިއާތަކަށް ފޮނުވި ބަޔާނުގައި ވެއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ބޭރުގެ ފަރާތްތަކަށް މޮނިޓަރުންނަށްވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ޖެހިގެން އަންނަ ދުވަހުގެ 16:00 ހަމައަށް ވަނީ ރާއްޖޭގެ މީޑިއާތަކަށް މޮނީޓަރުންގެ ފޯމް ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.

ބައިނަލްއަގުވާމީ މީޑިއާއަކުން މޮނީޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މީހަކު ނަމަ އެ މީހަކީ އެފަދަ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާން ޖެހޭނެ ކަމަށް އިލެކްޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި މޮނީޓަރަކަށް ވުމަށް އެދޭ މީހަކީ ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް