ގައުމީ ޓީމު ކޯޗު ކަމުގައި ހަތް އަހަރު ހޭދަކުރުމަށްފަހު އައިސްލޭންޑްގެ ކޯޗު، ހެއިމިރް ހެލްގްރިމްސަން މާގާމު ދޫކޮށްލައިފިއެވެ.
ހެލްގްރިމްސަން 2011 ވަނަ އަހަރާ ހަމައަށް ހުރީ އެގައުމުގެ ގައުމީ ޓީމުގެ ކޯޗު ލާސް ލަގާބެކްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރު ހެލްގްރިމްސަން ވަނީ ލަގާބެކްއާއެކު ޖޮއިންޓް ކޯޗިން މަގާމަކަށް ގޮސްފައެވެ.
ފްރާންސްގައި 2014 ވަނަ އަހަރު ކުރިއަށް ދިޔަ ޔޫރޯގެ ކުއާޓާފައިނަލް އައިސްލޭންޑް ގެންދިއުމުގައި ދެ ކޯޗުންގެވެސް ހިއްސާ އޮތް ނަމަވެސް، މިއަހަރުގެ ވޯލްޑް ކަޕަށް އައިސްލޭންޑް ގޮވައިގެން ނުކުތީ ހެލްގްރިމްސަން އެކަންޏެވެ.
ހެލްގްރިމްސަން ވަނީ ގްރޫޕް ސްޓޭޖުގައި ވަރުގަދަ އާޖެންޓީނާއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު ދެމެޗުން ބަލިވި ނަމަވެސް މިއަހަރުގެ ވޯލްޑް ކަޕް ވެގެންދިޔައީ އެ ގައުމުގެ ތާރީހުގައިވެސް ކުޅުނު ފުރަތަމަ ވޯލްޑް ކަޕަށެވެ.
ހެލްގްރިމްސަން ގައުމީ ޓީމުގެ ކޯޗުކަމުގައި މަސައްކަތް ކުރި އިރުވެސް އޭނާއަކީ ޕާޓް ޓައިމް ދަތުގެ ޑޮކްޓަރެކެވެ. އޭނާ ގައުމީ ޓީމާ ހަވާލުވުމަށްފަހުވެސް އެ ވަޒީފާ ދޫކޮށްލާފައެއް ނުވެއެވެ.
ހެލްގްރިމްސަންއަކީ އެގައުމުގެ ފުޓުބޯޅައަށް ގެނައި ވަރުގަދަ އިންގިލާބުގައި ހިމެނޭ މުހިއްމު ކޯޗެކެވެ. ތިން ލައްކައެއްހާ މީހުން ދިރިއުޅޭ އައިސްލޭންޑުން ސަރަހައްދީ ބޮޑު މުބާރާތަކަށް ފުރަތަމަ ފަހަރު ކޮލިފައިވެފައި ވަނީ 2016 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިއަަހަރުގެ ވޯލްޑް ކަޕަށް އެ ގައުމު ކޮލިފައިވުމަކީ ލިބުނު ބޮޑު ކާމިޔާބެކެވެ.