ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނުކޮށްފި

ކައުންސިލް އިންތިހާބުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް: ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ވަނީ އިއުލާނުކޮށްފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނުކޮށް ގެޒެޓް ކޮށްފި އެވެ.

ގެޒެޓުގައި ވާގޮތުން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މާލެ ރައްޔިތުންނާއި ރަށްރަށުގައ ރައްޔިތުންނަށް ޖުމްލަ 128 ވޯޓު ފޮށި ބަހައްޓަ އެވެ.

އޭގެ އިތުރުން ހަތަރު ޖަލެއްގައި ވޯޓު ފޮށި ބަހައްޓަ އެވެ. އެއީ މާލެ ޖަލު މާފުށީ ޖަލު، ދޫނިދޫ ޖަލު އަދި އައްސޭރި ޖަލުގަ އެވެ. ވޯޓޫ ފޮށި ބަހައްޓާ ގޮތަށް އިލެކްޝަނުން ނިންމާފައިވަނީ ހަތް ރިސޯޓެއްގަ އެވެ.

ވޯޓު ފޮށި ބަހައްޓާ ރިސޯޓުތައް

  • ކުރަމަތި އައިލެންޑް ރިސޯޓް
  • ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
  • ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ
  • ބަނޑޮސް މޯލްޑިވްސް
  • ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ
  • ކުރެއްދޫ އައިލެންޑް ރިސޯޓު
  • ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް

އޭގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށްރަށުގެ ތެރޭން ތިލަފުށި، ކޫއްޑޫ، ގަން، ހުޅުލެ، ފެލިވަރު އަދި ކައްދޫގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭން ބޭރުގައި ބަހައްޓަން ނިންމާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި އެއް ފޮށި އަދި ކޮލަމްބޯގައި ދެ ފޮށި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި އެއް ފޮށި އޭގެ އިތުރުން ލަންޑަނުގައި އެއް ފޮއްޓެވެ.

އިންތިހާބަށް ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ފެށޭ ހަފްތާގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަނުން ބުނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

comment ކޮމެންޓް