އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް އެމްބާޕޭ، ރަން އަންގި ކޯޓުއާއަށް

ކިލިއަން އެމްބާޕޭ އޭނާގެ އެވޯޑާއެކު --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގެ 2018ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ފްރާންސްގެ ކިލިއަން އެމްބާޕޭއަށް ލިބުނު އިރު، އެންމެ މޮޅު ކީޕަރުގެ މަގާމު ބެލްޖިއަމްގެ ތީބޯ ކޯޓުއާ ހޯދައިފިއެވެ.

ވޯލްޑް ކަޕްގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުން ފެށިގެންވެސް އުމުރުން 19 އަހަރުގެ އެމްބާޕޭ އައީ ވިދުން ގަދަވަމުންނެވެ. ހާއްސަކޮށް މުހިއްމު ބޮޑެތި މެޗުތަކުގައި އޭނާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.

އެމްބާޕޭ މުބާރާތުގައި ހަތަރު ގޯލް ޖަހައިފައިވާ އިރު، އޭނާ ވަނީ މިރޭ ކުޅުނު ފައިނަލް މެޗުގައިވެސް ގޯލް ޖަހައިފައެވެ. އެމްބާޕޭއަކީ ޕެލޭ ނެގުމަށްފަހު، ވޯލްޑް ކަޕެއްގެ ފައިނަލްގައި ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ މުބާރާތުގައި ދެ ކްލީން ޝީޓް ހިފަހައްޓައިފައެވެ. ހާއްސަކޮށް ބެލްޖިއަމްއިން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ، ވޯލްޑް ކަޕްގެ ތިންވަނަ ހޯދުމުގައި ކޯޓުއާގެ ދައުރު ބޮޑެވެ.

ބެލްޖިއަމްއިން ކުއާޓާ ފައިނަލްގައި ބްރެޒިލް ބަލިކޮށް ސެމީ ފައިނަލަށް ދިޔަ އިރު، އެ މެޗުގައި އެންމެ ފާހަގަކޮށްލެވުނީ ކޯޓުއާގެ މޮޅު ސޭވްތަކެވެ.

މީގެ ކުރިންވެސް ބެލްޖިއަމްގެ ދެ ކީޕަރުން ވަނީ ވޯލްޑް ކަޕްގެ އެންމެ މޮޅު ކީޕަރު، ރަން އަންގި ހޯދައިފައެވެ. އެއީ 1986 ވަނަ އަހަރު ޖީން މަރޭ ފަފްގެ އިތުރުން 1994 ވަނަ އަހަރު މައިކަލް ޕްރެޑްހޯމްއެވެ.

comment ކޮމެންޓް