އިދިކޮޅު ރަނިން މޭޓަށް ރޭ އައްޔަނުކުރި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް މަރުހަބާ ދަންނަވައި، މަޝްވަރާތަކަށް އައުމަށް ފިޝަރީޒް މިނިސްޓަރު އަދި އޯލް ޕާޓީ ޓޯކްސްގެ ޗެއާމަން ޑރ. މުހައްމަދު ޝައީނީ އަނެއްކާވެސް ގޮވާލައްވައިފިއެވެ.
ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ރަނިން މޭޓަކަށް ފައިސަލް ހަމަޖެއްސުމުން އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ހުއްޓިފައިވާ އޯލާ ޕާޓީ ޓޯކްސްގެ އަލުން ފެށުމުގެ ދައުވަތު ޝައިނީ ވަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާއި ރަނިން މޭޓް ފައިސަލް ނަސީމަށް ދެއްވާފައެވެ.
ޝައިނީ ވިދާޅވީ މިނިވަން އިންސާފްވެރި ދެފުށް ފެންނަ އިންތިހާބެއް ބާއްވައި އުފެދިފައިވާ ސިޔާސީ ހިޔާލު ތަފާތުވުންތައް ނައްތާލުމަށް މަޝްވަރާއަށް އުއުމަށެވެ.
އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސި ހިސާބުން ވެސް ޝައިނީ ވަނީ މަރުހަބާ ދަންނަވައި އޯލް ޕާޓީ ޓޯކްސް ފެށުމަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް އަދި މިހާތަނަށް އިދިކޮޅުގެ ފަރާތުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އެތަށް ފަހަަރަކު އޯލް ޕާޓީ ޓޯކްސްގެ ދައުވަތު ސަރުކާރުން އިދިކޮޅު ޕާޓީތަކަށް ދިން ނަމަވެސް އެ ފަރާތްތަކުން ކުރިމަތިކުރާ ޑިމާންޑް ތަކުގެ ސަބަބުން އެ މަޝްވަރާތައް ވަނީ ކުރިއަށް ނުގެންދެވިފައެވެ.
އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރާ ޝަރުތަކީ ހުކުމްކޮށް ބަންދުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވަގުތުން ދޫކޮށްލުމެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކުށެއް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހެއް ދޫކޮށް ނުލެވޭނެ ކަމަށެވެ.