ނުކުޅެދުންތެރި ކުދިންގެ ހައްގުތައް ހޯދައިދިނުމަށް އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތައް އަދިވެސް މަދު: ޒެނީޝާ

އެވިޑް ކޮލެޖުގެ "މާސްޓާސް އޮފް ޓީޗިންގްއިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން" ޕްރޮގްރާމް އިފްތިތާހްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ވާހަކަދައްކަވަނީ----ސަން ފޮޓޯ: ފަޔާޒު މޫސާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކުރިއަރުވައި، އެފަރާތްތައް ބާރުވެރިކުރުމަށް ގިނަ ބަޔަކު ވަކާލާތުކުރަމުން ގެންދިޔަ ނަމަވެސް، އެކަންކަމަށް އަމަލީ ސިފަ ގެނައުމުގެ މަސްއޫލިއްޔަތު އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތައް އަދިވެސް މަދުކަމަށް ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖުގެ "މާސްޓާސް އޮފް ޓީޗިންގްއިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން" ޕްރޮގްރާމް އިފްތިތާހް ކުރުމަށް ރޭ ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒެނީޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކުވެސް ދުޅަހެޔޮކަމާއި އުފަލުގައި ހެދިބޮޑުވުމަށް މަގުފަހިކޮށްދިނުމަކީ މުޖުތަމައުގެ އެންމެންގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަމަށެވެ.

ނުކުޅެދުންތެެރިކަން ހުންނަ ފަރާތްތަކާއެކީ މަސައްކަތް ކުރާ ފަންނީ މީހުން ބިނާކޮށް އެެ ދާއިރާގައި ހިދުމަތްކުރާ ދިވެހިންގެ ދައުރު އިތުރަށް ފުޅާވެގެން ދިޔުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އާއިލާތަކަށާއި ގައުމަށް ނުހަނު ބޭނުންތެރިވެފައިވާ ކަމެއް ކަމަށް ޒެނީޝާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ ގޮތުން ތަފާތު ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަަމަށްވެސް ޒެނީޝާ ވިދާޅުވިއެވެ.

ޖުލައި 11، 2018: އެވިޑް ކޮލެޖުގެ "މާސްޓާސް އޮފް ޓީޗިންގްއިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން" ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން، ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ 270އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދެވިފައިވާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ޒެނީޝާގެ ވާހަކަފުޅުގައި ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް މިނިސްޓްރީން ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

އެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކުންފުނިތަކުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ތެރެއިން 500 އެއްހާ މީހުނަށް "ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން" ޕްރޮގްރާމްތަކެއް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނުކަމަށާއި، ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ދާއިރާތަކުން ތަފާތު ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް ޒެނީޝާ ވިދާޅުވިއެވެ.

comment ކޮމެންޓް