ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ދުރުކޮށްފި

އެންޓޯނިއޯ ކޮންޓޭ --- ފޮޓޯ/ އޭޕީ

ފާއިތުވެދިޔަ ދެ އަހަރު ޗެލްސީގެ ކޯޗުކަމުގެ މަގާމު އަދާކުރި އެންޓޯނިއޯ ކޮންޓޭ، މަގާމުން ދުރުކޮށްފިއެވެ.

ހަބަރުތައް ބުނާ ގޮތުގައި ކޮންޓޭ މަގާމުން ދުރުކުރި ހަބަރު އޭނާއަށް ދީފައިވަނީ ޗެލްސީގެ ޗެއާމަން ބްރޫސް ބަކްއެވެ. ކޮންޓޭ މަގާމުން ދުރުކޮށްފައިވަނީ އޭނާ ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައެވެ.

މިއަދު އޮތް ޗެލްސީގެ ފަރިތަކުރުމުގެ ސެޝަންގައި ކޮންޓޭ ބައިވެރިވި އިރު، އޭނާއަށް އެ ހަބަރު ދިނުމަށް ކޮބަމް ޓްރޭނިން ގްރައުންޑަށް އެކްލަބުގެ ޗެއާމަން ދިޔަ ކަމަށް ހަބަރުތައް ބުނެއެވެ. އެއަށްފަހު މިއަދު ޗެލްސީގެ އިތުރު ފަރިތަކުރުމުގެ ސެޝަނެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.

ކޮންޓޭ ހަވާލުވި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ޗެލްސީއަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ޗެލްސީގެ ފަރާތުން އެންމެ އެދެވޭ ކުޅުން ފެނިފައިނުވާ އިރު، އެ ކްލަބަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ކަށަވަރު ނުކުރެވިފައެވެ.

އުމުރުން 48 އަހަރުގެ ކޯޗު ކޮންޓޭއަށް ޗެލްސީ ގޮވައިގެން މިދިޔަ ސީޒަނުގައި ރަނގަޅު ހިސާބަކަށް ނުދެވުމުން އޭނާ މަގާމުން ދުރުކުރާނެ ކަމަށް ބެލެވުނެވެ. އެގޮތުން ދާދި ފަހުން އޭނާގެ ބަދަލުގައި ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ގެންނަން އުޅޭ ކަމަށް ވެސް ހަބަރުތައް ފެތުރިގެންދިޔައެވެ.

ހަބަރުތައް ބުނާ ގޮތުގައި ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ދުރުކުރީ އުމުރުން 59 އަހަރުގެ ސާރީއާއެކު އެއްބަސްވުމަކަށް އާދެވޭނެކަން ޔަގީންވުމުންނެވެ.

comment ކޮމެންޓް