ރީ ރަޖިސްޓްރޭޝަނަށް އަންނަ އަންގާރަ ދުވަހު ހުޅުވާލަނީ

މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީހެއް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ/ އަފްރާހް

ރަޖިސްޓްރީވެފައިވާތަން ނޫން އެހެން ތަނެއްގައި ވޯޓްލާން ބޭނުންވާ ރައްޔިތުންނަށް ރީ ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިއަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރަޖިސްޓްރީވެފައިވާތަން ނޫން އެހެން ތަނެއްގައި ވޯޓްލާން ބޭނުންވާ ރައްޔިތުންނަށް ރީ ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި އެ ފުރުޞަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުޅުވިފައި އޮންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރީރަޖިސްޓަރީ ކުރަން ބޭނުންވާ ފޯމު ކޮމިޝަނުގެ ވެބްސައިޓުން މިހާރު ވެސް ލިބެން ހުންނާނެ ކަމަށާއި ރީރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަކަށް އެފުރުސަތު އޮންނާނެ ކަމަށް ވިދާޅުވަމުން ޝަރީފް ވިދާޅުވީ ކުރިއާލާ ރީ ރަޖިްސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން އެކަން ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށެވެ.

ރީ ރަޖިސްޓްރީ ވާން ހުޅުވާލާއިރު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. ޝަރީފް ވިދާޅުވީ ވޯޓާސް ލިސްޓަށް ކުރިން ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ޝަކުވާ ހުށަހެޅުމުގެ ފަހު ހުޅުވާލި ފަހު ފުރުޞަތު މިއަދު ބަންދުވާ އިރު އިތުރު 11 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ޝަކުވާތައް ބެލުމަށް ފަހު ވަރަށް އަވަހަށް ދާއިމީ ލިސްޓް އިއުލާން ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 23 ވަނަ ދުވަހު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފަ އެވެ.

ޝަރީފް ވިދާޅުވީ އެގޮތަށް ނިންމީ ކޮމިޝަނުގެ މެމްބަރުންނާ ވެސް މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށާއި ކޮންމެވެސް ވަރަކަށް އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާނެ މުއްދަތާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުން މެންބަރުންގެ މެދުގައި އުޅުނު ނަމަވެސް އެކިއެކި ފަރާތްތަކުގެ ލަފަޔާ އެކު މިހާރު ނިންމާފައި ވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހު ކެންޑިޑޭޓުން ކުރިމަތިލާން ހުޅުވާލުމަކުން މައްސަލައެއް ނެތް ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ހުޅުވާލެވޭ ފުރުޞަތު ބަންދުވާނީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުން އިންތިހާބަށް ދޭން ޖެހޭ މުއްދަތު މިހާރު އޮތް ތާރީހުން ފެށިގެން މިހާރުގެ ރިޔާސީ ދައުރު ހަމަވާ ތާރީހާ ދެމެދު ހަމައަށް ލިބޭނެ ކަމަށެވެ. ރިޔާސީ ދައުރު ހަމަވާ ތާރީހެއް ކަމަށް ޝަރީފް ވިދާޅުވީ ނޮވެމްބަރު މަހު 17 އެވެ.

comment ކޮމެންޓް