ސިނަމާލެ، މާލޭހިޔާ އަދި ވިލިމާލޭގައި ފުލުހުންގެ ސީސީޓީވީ ކެމެރާ ހަރުކުރަނީ

ބައެއް ސަރަހައްދުތަކުގައި ސީސީޓީވީ ބެއްހެއްޓުމަށް ހައުސިންއާ ފުލުހުންނާ ދެމެދު އެއްބަސްވުން--ފޮޓޯ/ޕޮލިސް

ސިނަމާލެ، މާލެހިޔާ އަދި ވިލިމާލެގެ އެކިއެކި ސަރަހައްދުތަކުގައި ފުލުހުންގެ ސީސީޓީވީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވެއްޖެ އެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ވަނީ އެކަމަށްޓަކައި ހާއްސަ އެއްބަސްވުމެއްގައި ފުލުހުންނާއި ހައުސިން މިނިސްޓްރީއާ ދެމެދު ސޮއިކޮށްފަ އެވެ. ހައުސިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެކްޓިންގް ސީޕީ، ޑީސީޕީ އަބްދުﷲ ނަވާޒު އެވެ.

މިއަދު ވެވުނު އެއްބަސްވުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އަލަށް ސީސީޓީވީ ހަރުކުރާ ސަރަހައްދުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ވެސް ކުރިއަށްވުރެ ރަނގަޅުވެ، އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޑީސީޕީ ނަވާޒް ވިދާޅުވީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެސަރަހައްދުތަކުގައި ހަރުކުރެވޭ ކެމެރާތައް ފުލުހުންގެ ކޮމާންޑް ސެންޓަރުން ވަގުތުން ބަލައިލެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އިތުރަށް އެ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީގެ ޚިދުމަތް އެސަރަހައްދުތަކުން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ސިނަމާލެ އަދި މާލޭ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުތަކަކީ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދުތަކަކަށްވާ އިރު އެ ސަރަހައްދުގައި ގޭންގް ހަރަކާތްތަކާއި އަދި މަސްތުވާތަކެތީ އެކިއެކި ވިޔަފާރި ހިނގާކަމަށް އަބަދު ވެސް އާންމުން ޝަކުވާކުރެ އެވެ.

ސިނަމާލޭގެ ފްލެޓްތަކާ ގުޅޭ ކަންކަން ދާދި ފަހުން ވަނީ މަލޭ ސިޓީ ކައުންސިލުގެ އަތުން ނަގައި ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް