ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހު 23ގައި ހުޅުވާލަނީ

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 23 ވަނަ ދުވަހު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މީގެ ކުރިން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަނުން ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް އެތާރީހު މިހާރު ފަސްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެގޮތަށް ނިންމީ ކޮމިޝަނުގެ މެމްބަރުންނާ ވެސް މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށާއި ކޮންމެވެސް ވަރަކަށް އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާނެ މުއްދަތާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުން މެންބަރުންގެ މެދުގައި އުޅުނު ނަމަވެސް އެކިއެކި ފަރާތްތަކުގެ ލަފަޔާ އެކު މިހާރު ނިންމާފައި ވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހު ކެންޑިޑޭޓުން ކުރިމަތިލާން ހުޅުވާލުމަކުން މައްސަލައެއް ނެތް ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ހުޅުވާލެވޭ ފުރުޞަތު ބަންދުވާނީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުން އިންތިހާބަށް ދޭންޖެހޭ މުއްދަތު މިހާރު އޮތް ތާރީހުން ފެށިގެން މިހާރުގެ ރިޔާސީ ދައުރު ހަމަވާ ތާރީހާ ދެމެދު ހަމައަށް ލިބޭނެ ކަމަށެވެ. ރިޔާސީ ދައުރު ހަމަވާ ތާރީހެއް ކަމަށް ޝަރީފް ވިދާޅުވީ ނޮވެމްބަރު މަހު 17 އެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ ދައުރާ ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލު ތަފާވުންތަކަށް ހައްލެއް ހޯދީ ބަންޑާރަ ނާއިބު ދެއްވި ލަފަޔާ އެކު ކަމަށާއި ރިޔާސީ ދައުރު ގުނަނީ ރައީސް ޔާމީން ހުވާކުރެއްވި ދުވަހުން ފަށައިގެން ފަސް އަހަރުގެ މުއްދަތަށް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

"ރިޔާސީ ދައުރު ހަމަވާނެ ވަކި ތާރީޚެއް ގާނޫނު އަސާސީގައި ނޯވެ. ދައުރު ގުނަނީ ވަކި މުއްދަތަކަށް. ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17 އަށް. އެއަށް ބަލައި އަޅުގަނޑުމެން 23 ޖުލައި ނިންމީ ކެންޑިޑޭޓުންނަށް ހުޅުވާލަން،" ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 11ގައި ތޯ ނުވަތަ ނޮވެމްބަރު 17ގައި ތޯ މީގެ ކުރިން ވެސް ބަހުސްކުރެވިފައިވާ އިރު ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރައްވާފައި ވަނީ، އޭގެ ކުރީގެ ރިޔާސީ ދައުރު ހަމަވެ 5 ދުވަސް ފަހުން 2013 ނޮވެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 10 ޖެހިއިރު އެވެ.

ޖުލައި މަހުގެ 23 ވަނަ ދުވަހު ކެނޑިޑޭޓުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލާ އިރު ނަންތައް ތަރުތީބު ކުރާނީ އޯގަސްޓު މަހުގެ 18 ވަނަ ދުވަހުކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ކެމްޕެއިން ކުރުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ 18:00އަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

comment ކޮމެންޓް