ޒުވާން ވޮލީ ޓީމަށް ޔޫތު މިނިސްޓަރު އިރުތިޝާމް ހިތްވަރު ދެއްވައިފި

ޒުވާން ވޮލީ ޓީމު އިއުލާންކޮށް، ޓީމަށް ހިތްވަރު ދިނުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް

ޒުވާން ޓީމުން ރާއްޖެ ފަހުރުވެރިވާ ފަދަ ކުޅުމެއްދައްކައި ކާމިޔާބު ހޯދުމަށް މިނިސްޓަރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އެދިވަޑައިގެންފި އެވެ.

މިމަހުގެ 21 އިން 28 އަށް ބަހުރައިންގެ މަނަމާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް 20 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޒުވާން ވޮލީ ޓީމު އިއުލާނުކޮށް، ޒުވާން ޓީމަށް ހިއްވަރު ދިނުމުގެ ގޮތުން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މުބާރާތުގައި ރާއްޖެ ފަހުރުވެރިވާ ފަދަ ކުޅުމެއްދައްކައި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ޒުވާން ޓީމެއް ގައުމު ތަމްސީލު ކުރަންދާ އިރު ޒުވާން ޖޯޝާއި ފޯރީގައި ކުޅެ ރަނގަޅު ނަތީޖާއަކާއި ހަމަޔަށް ވާސިލް ވުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވާފައިވާ އިރު، ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ރައީސް ޔާމީން އަށްވެސް މިނިސްޓަރު އިރުތިޝާމް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޒުވާން ވޮލީ ޓީމު އިއުލާންކޮށް، ޓީމަށް ހިތްވަރު ދިނުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް

ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ވޮލީބޯޅާ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި މި ޒުވާން ޓީމަކީ އުންމީދުތަކެއް އޮތް މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ. ހުނަރުގެ ގޮތުންނާއި، އިސްކޮޅުގެ ގޮތުން ދިގު މޮޅެތި ކުޅުންތެރިންތަކެއް ތިބިކަމަށާއި މި ކުޅުންތެރިންނަށް ބޭނުން ވަނީ ކޯޗުންގެ އިރުޝާދާއި ރަގަނޅު ތަމްރީން ކަމުގައި ލަތީފް ފާހަގަކުރެއްވި އެވެ.

ޒުވާން ޓީމަށް ތަމްރީނާއި ތަޖުރިބާ ދިނުމުގައި ވޮލީ ޓީމުގެ ކޯޗާއި މެނޭޖަރު އަދި ޓީމުގެ އޮފިޝަލުންގެ ފަރާތުން ލިބެމުންދާ އެއްބަރުލުމަށް ލަތީފްވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާ މިހާރު ސްޕޯޓްސް ކައުންސިލްގެ ރައީސަކަށް ހުންނެވި އިބްރާހިމް އިސްމާއިލް ވެސް ބައިވެރިވެޑައިގެންފައިވެ އެވެ.

ރޭ ވާހަކަ ފުޅު ދައްކަވަމުން އިބްރާހީމް އިސްމާއީލް ވިދާޅުވީ ގައުމު ތަމްސީލް ކުރުމަކީ ވަރަށް ވެސް ބޮޑު ޝަރަފެއް ކަމަށެވެ. އެއީ ކޮންމެ އުމުރެއްގެ ކޮންމެ މީހެއް ކަމަށްވިޔަސް ގައުމު ތަމްސީލް ކުރަން ލިބޭ ފުރުސަތު ތަކުގައި ކާމިޔާބު ހޯދުމުގެ ވިސްނުން ނޫން ވިސްނުމެއް ގެންގުޅެގެން ނުވާނެ ކަމުގައި އިބްރާހިމް އިސްލާއިލް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ވޮލީ ތަރައްގީ ކޮށް ފުޅާކުރުމަށް ޒުވާންޓީމުތައް ހެދި ބޭރުގެ ތަމްރީނާއި ތަޖުރިބާ އާއި މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ލިބޭކަމީ ވޮލީއަށް ލޯބިކުރާ ފަރާތްތަކަށް އޮތް ނުހަނު ބޮޑު ހިންހަމަ ޖެހުމެއް ކަމުގައި ވެސް އިބްރާހިމް އިސްމާއިލް ފާހަގަކުރެއްވި އެވެ.

ޒުވާން ވޮލީ ޓީމު އިއުލާންކޮށް، ޓީމަށް ހިތްވަރު ދިނުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް

ރޭގެ ހަފްލާގައި ޓީމުގައި ހިމެނޭ 12 ކުޅުންތެރިންނާއި ހަތަރު އޮފިޝަލުންނަށް ވަނީ ޓީމުގައި ހިމެނުމުން ސެޓްފިކެޓް ދީފަ އެވެ. ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މުހައްމަދު މިމްރާހް (މިންމި) ހަމަޖައްސާފައިވާ އިރު، ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ތަޖުރިބާކާރު ކޯޗް އިބްރާހިމް ޖަލީލް (ޖައްލަ)އެވެ.

ބަހުރެއިންގައި މިމަހު އޮންނަ މުބާރާތުގައި އޭޝިއާގެ 24 ޓީމަކުން ވާދަކުރާނެ އެވެ. ދެ ޑިވިޝަނަކަށް ބަހާލައިގެން މުބާރާތުގެ ޓީމުތައް ސީޑު ކޮށްފައިވާ އިރު، ރާއްޖެ ހިމެނެނީ ދެވަނަ ޑިވިޝަންގަ އެވެ. ދެވަނަ ޑިވިޝަންގެ ޕޫލް ޑީ2ގައި ރާއްޖެ ހިމެނޭ އިރު، އެ ޕޫލްގައި ރާއްޖޭގެ އިތުރުން ހިމެނެނީ މަކާއޫއާއި މެލޭޝިއާ އެވެ.

comment ކޮމެންޓް