55 އަހަރުން މައްޗަށް ދިޔުމަކީ މަސައްކަތެއް ނެތިފައި ތިބެންޖެހޭ ކަމެއް ނޫން: ރައީސް ޔާމީން

ރައީސް އަބްދުﷲ ޔާމީން ކޮޅުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވަނީ--ފޮޓޯ/ރައީސް އޮފީސް

އުމުރުން 55 އަހަރުން މައްޗަށް ދިޔުމަކީ ކުރާނެ މަސައްކަތެއް ނެތިފައި ހުންނަން ޖެހޭ ސަބަބެއް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މ. ކޮޅުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މެދު އުމުރުން މައްޗަށް ދިޔުމަކީ ނުވަތަ އުމުރުން 65 އަހަރުވުމަކީ، މަސައްކަތެއް ނެތި ތިބެންޖެހޭ ސަބަބެއް ނޫން ކަމަށާއި އަދި އެމީހުން ތިބި ވަޒީފާއިން ކޮންމެ މީހަކު ރިޓަޔާރ ކުރުމަކީ ވެސް ލާޒިމް ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އުމުރުން ކިތަންމެ ދޮށީވިޔަސް ވަޒީފާގެ ގޮތުން ކުރެވިދާނެ ކަންކަން ހުންނާނެ ކަމަށާއި މިސާލަކަށް ޑޮކްޓަރަކު އޭނާގެ އުމުރުން 65 އަހަރު ވުމަކީ ކޮންމެހެން ވަޒީފާއިން ރިޓަޔާރ ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ޓީޗަރުންވެސް ހަމަ އެފަދައިން އުމުރުން ދޮށީވުމާ އެކު ވަޒީފާއިން މުސްކުޅިވާން ނުޖެހޭ ކަަމަށެވެ.

" ކީއްވެގެންތޯ ދިވެހި މުދައްރިސެއް ނުވަތަ އިސްލާމް މުދައްރިސެއް 55 އަހަރުން މައްޗަށް ދިޔައިމަ ކޮންމެހެން ރިޓަޔާރކުރަން ޖެހެނީ. އަޅުގަނޑުމެން 55 އަހަރުވީމަ ކީއްވެތޯ ކްލާހުގައި ފިލާވަޅު ނަގައިނުދެވޭނެ ކަމަށް މި ވިސްނަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބޭރު ގައުމުތަކުގެ ކޮލެޖް ތަކުގައި ލެކްޗާތައް ނަންގަވައިދެނީ މުޅިންވެސް އުމުރުން ދުވަސްވެފައި ތިބޭ މީހުން ކަމަށާއި އެހެން ކަމުން ކޮންމެހެން ރާއްޖޭގައި އުމުރުން 55 އަހަރަށް ވުރެ މައްޗަށް ދިޔުމުން މުދައްރިސުން ރިޓަޔާރ ކުރަންޖެހޭ އުސޫލަކީ ގަބޫލު ކުރެވޭ އުސޫލެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރު ހެދިފައި ހުރި އުސޫލުތަކުގައި އުމުރުން 55 އަހަރަށް ވުރެ މައްޗަށް ދިޔުމުން ވަޒީފާއިން މުސްކުޅިކުރާ އުސޫލު އޮތް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަންކަން ބަދަލު ކުރުމުގެ ވިސްނުން އެމަނިކުފާނުގެ އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ، މެނިފެސްޓޯގެ މަސައްކަތް ކުރިއަށްދާއިރު ސީދާ އެ އުމުރުފުރާއަށް ކަމެއް ކޮށްދޭނެ ކަމަށް މިވަގުތު ވިދާޅުވާން ދަތި ނަމަވެސް އެ އުމުރުފުރާގެ މީހުންނަށް ކޮންމެވެސް ކަމެއް ކޮށްދިނުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

މ. ކޮޅުފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިހެން ވިދާޅުވިއިރު އެމަނިކުފާނު އިއްޔެ މ. މުލަކުގައި ވާހަކަފުޅު ދައްކަަވަމުން ވަނީ ދުވަސްވީ މީހުންނަށް މިހާރުދޭ 5000 ރުފިޔާގެ އިނާޔަތް ކުރިއަށް އޮތްތަނުގައި ބޮޑު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

"ރާއްޖޭގެ އާމްދަނީ އިތުރުވަމުންދާ އިރު ދުވަސްވީ ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑު ނުކުރެވެންވީ ސަބަބެއް ނެތް. ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރު ކުރެވިގެންދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް ބޮޑު ކުރައްވާނެ އަދަދެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް