ނިލަންދޫން ވިކްޓަރީ ހިފަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދޫން ވިކްޓަރީ ސްޕޯޓްސް ކްލަބު ހިފަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ވިކްޓަރީއާއި ނިލަންދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އެފްއޭއެމް

ލީގުގައި ވިކްޓަރީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ލީގުގެ ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ތިންވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. މިރޭގެ މެޗުން ނިލަންދުއަށް ލިބުނު ޕޮއިންޓަކީ އެޓީމަށް ލީގުގައި ހޯދުނު ފުރަތަމަ ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ކާލޮސް ގާސިއާއާއި މެޗުގެ 30 ވަނަ މިނެޓުގައި އާދަމް އިޝާމްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ވިކްޓަރީގެ ކާލޮސް ގާސިއާއާއި އިޝާމް ފޮނުވާލި ހަމަލާ ވެސް ނިލަންދޫގެ ކީޕަރު އަލީ ސޮބާހް ވަނީ ދިފާއުކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ވިކްޓަރީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ނިލަންދޫގެ އާދިލް އަލީ ފޮނުވާލި ހަމަލާ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން ދިފާއުކުރި އިރު، ރީބައުންސް ބޯޅައިން މުހައްމަދު ޒަމީރު ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެސް ވިކްޓަރީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޗަކަލޯވް ފިރްދޯސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސައިމަން ޓިބޯ ބޮލުން ފޮނުވާލި ހަމަލާ، ނިލަންދޫގެ ކީޕަރު ސޮބާހް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ވިކްޓަރީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެންމެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ފެނިގެންދިޔަ ވިކްޓަރީގެ އަހްމަދު ނާޝިދު (ނައްޓޭ) އާއި އަލީ ނާފިއުއަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ނިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން -- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފުގައި ނިލަންދުއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އެޓީމުގެ އާދިލްއަށް ލިބުނު ފުރުސަތެކެވެ. މެޗުގެ 72 ވަނަ މިނެޓުގައި ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އާދިލް ފޮނުވާލި ހަމަލާ ޝާފިއު އަހްމަދު (ޝާފީ) ގައިގައި ޖެހިފައި ގޯލަށް ވަންނަން ދަނިކޮށް، އެ ބޯޅަ ދިފާއުކުރީ ވިކްޓަރީގެ ކީޕަރު އިމްރާނެވެ.

ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއާއި ފ. ނިލަންދޫ ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ތ. ތިމަރަފުއްޓާއި ބ. ފެހެންދޫއެވެ.

comment ކޮމެންޓް