ރޮނާލްޑޯ، ޔުވެންޓަސް ޖާޒީގައި ފެނިއްޖެނަމަ ވަރަށް އުފާވާނެ: ބުފޮން

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޔުވެންޓަސްއާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީގައި ފެނިއްޖެނަމަ ވަރަށް އުފާވާނެ ކަމަށް ކްލަބު ލެޖެންޑް ޖިއާންލުއިޖީ ބުފޮން ބުނެފިއެވެ.

އުމުރުން 40 އަހަރުގެ އިޓަލީ ގޯލްކީޕަރު ބުފޮން ޔުވެންޓަސް ދޫކޮށް ޕީއެސްޖީއަށް ސޮއިކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ކެރިއަރުގައި 17 އަހަރު ޔުވެންޓަސްގައި ހޭދަކުރުމަށްފަހު ބުފަން އެ ކްލަބު ދޫކޮށްލީ މިދިޔަ ސީޒަނަށްފަހުގައެވެ. ބުފޮން ވަނީ ޔުވެންޓަސްއަށް 656 މެޗު ކުޅެދީ، ކްލަބާއެކު ނުވަ ފަހަރު އިޓަލީގެ ލީގު ކާމިޔާބުކޮށްފައެވެ.

ޔުވެންޓަސްއަށް ދިއުމަށް ރޮނާލްޑޯ ތައްޔާރަށް ހުރި ކަމަށް މީޑިއާތަކުން ބުނަމުންދާ އިރު، ބުފޮން ބުނެފައި ވަނީ ޔުވެންޓަސް ޖާޒީގައި ރޮނާލްޑޯ ފެނުން ވެގެންދާނީ އޭނާއަށް ހައިރާންކަން ގެނުވާނެ މަންޒަރަކަށް ނޫން ކަމަށެވެ.

ބުފޮން ބުނީ ރޮނާލްޑޯއަކީ ޔުވެންޓަސްއަށް، ހާއްސަކޮށް ޔުވެންޓަސްގެ ސަޕޯޓަރުންނަށް ބޭނުންވާ ކަހަލަ ކުޅުންތެރިއެއް ކަމަށާއި، ރޮނާލްޑޯއަކީ އައިޑަލްއެއް ކަމަށެވެ. އަދި ޔުވެންޓަސް ސަޕޯޓަރުންނަށް ލިބޭ އެކަހަލަ ކޮންމެ އުފަލަކީ ބުފޮން އަމިއްލަ ނަފްސަށް ލިބޭނެ އުފަލެއް ކަމަށްވެސް އޭނާ ބުންޏެވެ.

ބުފޮން ބުނީ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުން ވެގެންދާނީ މުޅި އިޓަލީގެ ފުޓުބޯޅައަށްވެސް ލިބޭ ކުރިއެރުމަކަށް ކަމަށާއި، ރޮނާލްޑޯއަކީ މުޅި ފުޓުބޯޅައިގެ ރަމްޒެއް ކަމަށެވެ.

އިޓަލީގެ ވިޔަފާރި ހަބަރުތަކާ ހަވާލާދީ "ގޯލް"އިން ބުނެފައިވަނީ ރޮނާލްޑޯއާއެކު ޔުވެންޓަސްއިން އެއްބަސްވުމަކަށް އައި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކުރުމާއެކު ޔުވެންޓަސްގެ ހިއްސާއެއްގެ އަގު 11.1 ޕަސެންޓަށް އިތުރު ވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އިޓަލީގެ ހިއްސާގެ ބާޒާރަށްވެސް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.

ރޮނާލްޑޯގެ ޓްރާންސްފާ ހަބަރުތަކާއެކު ޔުވެންޓަސްގެ ހިއްސާއެއްގެ އަގު 0.82 ޔޫރޯ އުފުލިފައިވާ އިރު، ޔުވެންޓަސްގެ "ކްލަބު ވެލިއު" ވަނީ 825 މިލިއަނަށް އުފުލިފައެވެ.

ރޮނާލްޑޯގެ ޓްރާންސްފާ ހަބަރުތަކާ ގުޅިގެން ރެއާލް މެޑްރިޑް، ރޮނާލްޑޯ އަދި ޔުވެންޓަސްއިންވެސް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނުވާ އިރު، ރޮނާލްޑޯ މިވަގުތު ޗުއްޓީ ހޭދަކުރަމުންދާކަން އޭނާގެ މީސްމީޑިއާ ޕޯސްޓްތަކުން އެނގެއެވެ.

comment ކޮމެންޓް