ބަނޑޮސް، ނިޔާމަ ޕްރައިވެޓް އައިލެންޑް އަދި ޖުމޭރާއިން ޒޯން ޗެމްޕިއަންކަން ހޯދައިފި

ބަނޑޮހުން މުބާރާތުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ އިސްމާއީލް ސާޖިދު ފޭސްބުކް

އާލާ އިންޓަ ރިސޯޓް ވޮލީ މުބާރާތުގެ ތިން ޒޯނެއްގެ ކުޅުން ނިމި، އެ ޒޯންތަކުގެ ޗެމްޕިއަންކަން ޔަގީން ވެއްޖެއެވެ.

މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ފަސް ޒޯނަކަށް ބަހާލައިގެންނެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 19 ރިސޯޓަކުން ވާދަކުރެއެވެ. އެ ފަސް ޒޯނުގެ ތެރެއިން މިހާތަނަށް ނިމިފައި ވަނީ ޒޯން އެކެއް، ޒޯން ދޭއް އަދި ޒޯން ތިނެއްގެ ކުޅުމެވެ.

ޒޯން ފަހެއްގެ ފައިނަލް މެޗު މިއަދު އޮންނަ އިރު، ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އޮންނާނީ ބުރާސްފަތި ދުވަހުގައެވެ.

މުބާރާތުގެ ޒޯން އެކެއްގައި ހަތް ރިސޯޓެއް ވާދަކޮށްފައިވާ އިރު، އެ ޒޯންގެ މެޗުތައް ކުޅެފައި ވަނީ ބަނޑޮސް އައިލެންޑް ރިސޯޓާއި ރީތި ރަށުގައެވެ.

ގްރޭންޑް ޕާކް ކޮއްދިއްޕަރާއި ދެކޮޅަށް ފައިނަލްގައި ކުޅެ، ބަނޑޮހުން މެޗު ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ގްރޭންޑް ޕާކް ކޮއްދިއްޕަރުން 25-20އިން ކާމިޔާބު ކުރި ނަމަވެސް އަނެއް ތިން ސެޓުވެސް ގެންދިޔައީ ބަނޑޮހުންނެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު، އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިއާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ)ގެ މޮޅު ކުޅުމާއެކު ބަނޑޮހުން ސެޓުތައް ގެންދިޔައީ 25-19، 25-22 އަދި 25-19އިންނެވެ.

މާލޭގައި ކުރިއަށްދިޔަ ޒޯން ދޭއްގެ ފައިނަލް މެޗުގައި ވެލައްސަރު މޯލްޑިވްސްއާއި ޖުމޭރާ ވިއްޓަވެލި ވާދަކުރި މެޗު، ތިން ސެޓު އެއް ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ޖުމޭރާއިންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު ޖުމޭރާއިން ގެންދިޔައީ 25-22 އަދި 25-18އިންނެވެ. އެހެން ނަމަވެސް ތިން ވަނަ ސެޓު ގެންދިޔައީ ވެލެއްސަރުންނެވެ. ވެލެއްސަރުން އެ ސެޓު ގެންދިޔައީ 25-23 އިންނެވެ.

މެޗުގެ ފަހު ސެޓު ބޮޑު ތަފާތަކުން 25-14އިން ޖުމޭރާ ގެންދިޔަ އިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖުމޭރާގެ ޝުނާޒް އަބްދުލް ވާހިދެވެ.

ޒޯން ތިނެއްގައި ދެ ރެސޯޓަކުން ވާދަކޮށްފައިވާ އިރު، ކުޅެފައި ވަނީ ތިން މެޗެވެ. އެ ޒޯންގެ ހުރިހާ މެޗެއްވެސް ކަނޑިންމަ މޯލްޑިސްގައި ކުޅެފައިވާ އިރު، ޗެމްޕިއަންކަން ހޯދީ ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއެވެ.

ޒޯން ފަހެއްގެ ފައިނަލް މިއަދު އޮންނަ އިރު، އެއްކޮޅުން ވާދަކުރާނީ ދުސިޓް ތާނީއާއި ވައްކަރު މޯލްޑިވްސްއެވެ. ޒޯން ހަތަރެއްގެ ފައިނަލް އޮންނާނީ ބުރާސްފަތި ދުވަހުގައެވެ.

comment ކޮމެންޓް