ސްޕެއިންގެ ކޯޗަކަށް ބާސާގެ ކުރީގެ ކޯޗު އެންރީކޭ

ބާސާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ: އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާ ހަވާލުވެފައި ---

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހަމަޖައްސައިފިއެވެ.

އުމުރުން 48 އަހަރުގެ އެންރިކޭ، އެ މަގާމަށް އައްޔަންކުރީ ވޯލްޑް ކަޕް 2018ގައި ސްޕެއިންގެ ވަގުތީ ކޯޗުގެ މަގާމު އަދާކުރި ފެނާންޑޯ އިއޭރޯ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ރަޝިއާގައި ކުރިއަށްދާ ވޯލްޑް ކަޕްގައި އިއޭރޯއަށް ސްޕެއިން ގޮވައިގެން ކާމިޔާބީއަކާ ހިސާބަކަށް ދެވިފައެއް ނުވެއެވެ. ގަދަ 16ގައި ރަޝިއާއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ސްޕެއިންގެ ކޯޗުކަމުގެ މަގާމާ އިއެރޯ ހަވާލުވެފައިވަނީ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް، ސްޕެއިނުން އެޓީމުގެ ކޯޗު ކަމުގައި ހުރި ހުލެން ލޮޕެޓެގީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭގެ ކުރިން އިއެރޯ ހުރީ ސްޕެއިން ގައުމީ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައެވެ.

ސްޕެއިންގެ ކޯޗަކަށް އެންރީކޭ ހަމަޖެއްސިކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއަލޭސް ވިދާޅުވީ އެންރީކޭއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އޭނާ ޓީމާ ހަވާލުވާނީ އަމިއްލަ ކޯޗިން ސްޓާފަކާ އެއްކޮށް ކަމަށެވެ. އަދި އެންރީކޭގެ ކޯޗިން ސްޓާފުން އަންނަ ހަފްތާ ތެރޭގައި އިއުލާން ކުރާނެ ކަމަށް ވެސް ރުބިއަލޭސް ވިދާޅުވިއެވެ.

ބާސާއަށް ކޯޗުކޮށްދިނުމަށްފަހު މިދިޔަ އަހަރުން ފެށިގެން ކޯޗިން ދާއިރާއިން އެންރީކޭ ފެނިފައެއް ނުވެއެވެ. ކުރިން ރޯމާއާއި ސެލްޓާ ވިގޯއަށް ވެސް އިރުޝާދު ދިން އެންރީކޭ ވަނީ ބާސާއަށް ދެ ފަހަރުގެ ސްޕެނިޝް ލަލީގާއާއި 2015ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް