ޑރ ޒިޔާދުގެ މަރުހަބާ ރައީސް ޔާމީންގެ ރަނިން މޭޓް ޑރ ޝަހީމަށް!

ޑރ. ޝަހީމާއި ޑރ. ޒިޔާދު ރަސްމިއްޔާތެއްގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމުން އެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމް ފުރުއްވަމުން ގެންދަވާ ޑރ. ޝަހީމް، ރަނިންމޭޓަކަށް އައްޔަންކުރުމަށް ރައީސް ޔާމީން ނިންމަވައި، އެކަން ޕީޕީއެމްގެ ކައުންސިލަށް ހުށަހެޅުމާ ގުޅިގެން އެ ކައުންސިލްގެ އިއްތިފާގުން ވަނީ އެކަމުގައި މައްސަލައެއް ނެތް ކަމަށް ފާސްކޮށްފައިވަނީ ހޮނިހިރުދުވަހުގެ ރެއެވެ.

ޑރ ޒިޔާދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ޑރ. ޝަހީމަށް މަރުހަބާ ވިދާޅުވެ ރައީސް ޔާމީނަށާއި ޑރ. ޝަހީމަށް ކާމިޔާބީއަށް އެދި ވަޑައިގަންނަވާފައެވެ.

ޑރ. ޒިޔާދަކީ މި ސަރުކާރުގެ ދެވަނަ އިސްލާމިކް މިނިސްޓަރެވެ. އޭނާ އިސްލާމިކް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ އޭރު އެ މަގާމްގައި ހުންނެވި ޑރ. ޝަހީމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޑރ. ޒިޔާދު ޝަހީމަށް މަރުހަބާ ވިދާޅުވެފައި މިވަނީ ޝަހީމަށް ރަނިން މޭޓްކަން ދިނުމާއި ގުޅިގެން ޑރ ޒިޔާދު އެކަމާ ހިތްހަމަ ޖެހިނުލައްވާ ކަމަށް މީސް މީޑިއާގައި އަޑު ފެތުރެމުންދާ ވަގުތެއްގައެވެ.

ޑރ. ޒިޔާދުގެ އިތުރުން ރާއްޖޭގެ ކެބިނެޓްގެ މިނިސްޓަރުންނާއި އަދި ސިޔާސީ މައިދާނުގައި ފުންނާބު އިސް ވެރިންވަނީ ޑރ. ޝަހީމަށް މަރުހަބާ ދަންނަވާފައެވެ. އަދި އޭގެ އިތުރުން ބައެއް ދީނީ އިލްމްވެރިންވެސް ވަނީ ޑރ. ޝަހީމަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.

comment ކޮމެންޓް