ދިވެހިރާއްޖެ ފަދަ އިލްމީ ދިރާސީ ތަރައްގީ ވަމުން އަންނަ ގައުމަކަށް އިލްމީ ގޮތުންނާއި އަދަބީ ގޮތުން ފޭރަން މޮޅު ލިޔުންތައް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ތިރީސް ތިން ވަނަ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް އިފްތިތާހް ކުރުމަށް މިއަދު ހެނދުނު ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ލިޔުންތެރިންނަކީ ގައުމީ ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އަދި އެއީ އަދުގެ ގައުމު މާދަމާއަށް ކިޔައިދޭ ދިރާސާވެރިން ކަމަށެވެ.
''އެއްބައިވަންތަ އެކުވެރި މުޖުތަމައުއެއް އުފެއްދުމުގައި ލިޔުންތެރިންގެ ދައުރު ވަރަށް މުހިންމު. ލިޔުންތެރިކަމަކީ އިލްމާއި ފިކުރުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ފަންނެެއް. ޒަމާނަށް އަންނަ ބަދަލުތައް ލިޔުންތެރިކަމަށް ފޯރާ. ދުނިޔޭގެ ކޮންމެ އަދަބިއްޔާތުގައި ވެސް މިކަން ހިނގަމުން އަންނަނީ މިމަގުން،" މިނިސްޓަރު ވިދާޅުވިއެވެ.
ތަރައްގީގެ އަސަރުތަކާއި ތަހުޒީބުގެ ސިފަތަކާއި ތައުލީމުގެ އުސޫލުތަކާއި ވައްޓަފާޅީގެ ސަބަބުން ލިޔުންތެރިކަމަށް ބަދަލު އަންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގައިވެސް އެކަން ހިނގަމުން އައިސްފައިވަނީ އެމަގުން ކަމަށްވެސް އައިޝަތު ޝިހާމް ވިދާޅުވިއެވެ.
ފޭރާން މޮޅު އިތުބާރު ހުރި ލިޔުންތައް ވަރަށް ކުރިންސުރެވެސް ދިވެހި ލިޔުންތެރިން ލިޔަމުންގެންދާ ކަމަށާއި ރާއްޖެފަދަ އިލްމީ ދިރާސީ ތަރައްގީ ވަމުން އަންނަ ގައުމަކަށް އިލްމީގޮތުންނާއި އަދަބީ ގޮތުން ފޭރާން މޮޅު ލިޔުންތައް ބޭނުންވާ ކަމަށްވެސް އައިޝަތު ޝިހާމް ވިދާޅުވިއެވެ.
އޭނާ ކިޔަވާ ކުދިންގެ ވިސްނުމާއި ފިކުރު ފުޅާވުމުގައިވެސް އެފަދަ ލިޔުންތައް ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.