ތިމަރަފުށި އަތުން ގްރީނަށް މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީނާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ތ. ތިމަރަފުށި އަތުން ކްލަބު ގްރީން ސްޓްރީޓްސް މޮޅުވެއްޖެއެވެ.

ލީގުގައި ރޭ ކުޅުނު މެޗުގައި ތިމަރަފުށި އަތުން ގްރީން މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ގްރީން ކުޅުނު މެޗުގައި 1-1ގެ ނަތީޖާއަކުން ށ. ފޯކައިދޫ އަތުން އެއްވަރުވެފައިވާ އިރު، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތިމަރަފުށީގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން ބަލިވެފައިވަނީ 10-0ގެ ނަތީޖާއަކުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީނާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ތިމަރަފުށިން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ގްރީންގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެޕިސަން ކޫއައްސި ޖީން ފްރެންކޮއިސް ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ނިމެނިކޮށް، ގްރީންގެ އަސްހަދު އަލީ (އަޑުބަރޭ)ގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ތިމަރަފުށީގެ ޕެނަލްޓީ އޭރިއާ ތެރެއިން އަޑުބަރޭ ފޮނުވާލި އެ ހަމަލާ، ތިމަރަފުށީގެ ބިދޭސީ ކީޕަރު އަޑެޓުންޖީ ލޯރެންސް ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީނާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެވަނަ ހާފުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ގްރީނުން ލީޑު ހޯދީ މެޗުގެ 65 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ގްރީނަށް އެ ޕެނަލްޓީ ލިބުނީ އަޑުބަރޭ ފޮނުވާލި ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ތިމަރަފުށީގެ އިސްމާއިލް ޝިއާދުގެ އަތުގައި ޖެހުމުންނެވެ. ގްރީނަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ރޮލެންޑް ރަސެލްއެވެ.

ގްރީނުން ލީޑު ހޯދިތާ ތިން މިނެޓުގެ ތެރޭގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. ކޯނަރެއްގެ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ސަމްދޫހު މުހައްމަދެވެ. އޭނާ އެ ލަނޑު ޖެހުމުގެ ކުރިން އަޑުބަރޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އެ ހަމަލާ ތިމަރަފުށީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީނާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ތިމަރަފުށީގެ ކިޕްސަންއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އިބްރާހިމް މަތީން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިޕަސަން ފޮނުވާލި ހަމަލާގެ ހުރަކަށްވީ ގްރީންގެ ބިދޭސީ ކީޕަރު ސާގޭ ސްމޮރޮޑިންއެވެ.

ލީގުގައި މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫއެވެ.

comment ކޮމެންޓް