އެސްޓީއޯގެ ވަގުތީ ޕެޓްރޯލް ޝެޑެއް ސިނާއީ ސަރަހައްދުގައި ހުޅުވައިފި

އެސްޓީއޯއިން ވަނީ މާލޭ ސިނާއީ ސަރަހައްދުގައި ވަގުތީ ޕެޓްރޯލް ޝެޑެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައި-- ފޮޓޯ: އެސްޓީއޯ

މާލޭގައި މިހާރު ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫއާ ގުޅިގެން، މަގުމަތީގައި ދުއްވާ ފަރާތްތަކަށް ޚިދުމަތް ހޯދުމަށް ދިމާވާ ދަތިތައް ކުޑަކުރުމަށް އެސްޓީއޯއިން މާލޭ ސިނާއީ ސަރަހައްދުގައި ވަގުތީ ޕެޓްރޯލް ޝެޑެއް ގާއިމުކޮށްފިއެވެ.

އެސްޓީއޯއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ބްރިޖް މަސައްކަތް ކުރިއަށްދާތީ މާލޭގެ ބައެއް މަގުތަކުގައި ދުއްވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިއުނދަގޫތައް ކުޑަކުރުމުގެ ގޮތުން، އެ ކުންފުނީގެ ވަގުތީ ޕެޓްރޯލް ޝެޑެއް، މާލޭ ސިނާއީ ސަރަހައްދުގައި ގާއިމުކޮށްފައި ވާ ކަމާށެވެ.

ވަގުތީ ޕެޓްރޯލް ޝެޑުން ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ހަމަ އެކަނި ސައިކަލަށް ކަމަށާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ، އެފްއެސްއެމް އެހެން ޝެޑްތަކުންވެސް ޚިދުމަތްދޭ ގަޑިތަކުގައި ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މާލެ-ހުޅުމާލެ ބްރިޖްގެ މަސައްކަތް ކުރުމަށާއި ބްރިޖާ ގުޅިފައިވާ ރިންގް ރޯޑުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުތައް ބަންދުކޮށްފައި ވާއިރު، ޕެޓްރޯލް ޝެޑްތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

ޑީސަލާއި ޕެޓްރޯލްގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން މާލޭގެ ތިން ސަރަހައްދެއްގައި ޕެޓްރޯލް ޝެޑް ގާއިމުކޮށްފައި ވެއެވެ. އެއީ ޓްރެކް ސަރަހައްދާއި، ކާނިވާ ސަރަހައްދުގެ އިތުރުން އައިޖީއެމްއެޗް ކައިރިއެވެ.

comment ކޮމެންޓް