އާޖެންޓީނާއަށް ހިލޭ ސާބަހަށް ކޯޗުކޮށްދޭން މަރަޑޯނާ ތައްޔާރު!

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ -- ފޮޓޯ/ އޭޕީ

އާޖެންޓީނާ ގައުމީ ޓީމަށް ހިލޭ ސާބަހަށް ކޯޗުކޮށްދޭން ތައްޔާރަށް ހުރި ކަމަށް އެގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުނެފިއެވެ.

މިހާރު ރަޝިއާގައި ކުރިއަށްދާ ވޯލްޑް ކަޕުގައި އާޖެންޓީނާ އެންމެ ބޮޑަށް ބަރޯސާވީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށެވެ. ވޯލްޑް ކަޕުން އާޖެންޓީނާ ކަޓައިގެން ދިއުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭ ކުޅުންތެރިޔަކީ ވެސް މެސީ ކަމުގައި ގިނަ ބަޔަކު ފާހަގަކުރަމުންދިޔައެވެ.

އެ މުބާރާތުން އާޖެންޓީނާ ކަޓާފައިވަނީ ގަދަ 16ގައި 4-3ގެ ނަތީޖާއަކުން ފްރާންސް އަތުން ބަލިވެގެންނެވެ. އެއާއެކު އެޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ މަގާމުން ދުރުކުރާނެ ކަމަށް ބެލެވުނެވެ. ސަމްޕައޮލީއާއެކު މެސީގެ ކުރިމަގު ވެސް ވަނީ ސުވާލެއްގެ ތެރޭގައެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާގެ އެންމެ ބޮޑު ސަޕޯޓަރުގެ ގޮތުގައި ފާހަގަކުރެވުނު މަރަޑޯނާ ހުރީ ގައުމަށް ހެޔޮ އެދިގެން ހިލޭ ސާބަހަށް ސަމްޕައޮލީ އަދާކުރަމުންދިޔަ ވަޒީފާއާ ހަވާލުވާ ގޮތަށެވެ.

"އަހަރެން އެކަން ހިލޭ ކޮށްދޭނަން. ބަދަލުގައި އަހަރެން އެއްވެސް ކަމަކަށް ނޭދޭނަން،" ކުޅުންތެރިއެއްގެ ގޮތުގައި އާޖެންޓީނާއަށް ވޯލްޑް ކަޕް 1986 ކާމިޔާބުކޮށްދިނުމުގައި އިސްދައުރެއް އަދާކުރި މަރަޑޯނާ ބުންޏެވެ.

މަރަޑޯނާ ވަނީ މީގެ ކުރިން ވެސް އާޖެންޓީނާގެ ގައުމީ ޓީމާ ހަވާލުވެފައެވެ. މަރަޑޯނާގެ ވަޒީފާއަށް ނިމުމެއް އައިސްފައިވަނީ ވޯލްޑް ކަޕް 2010ގެ ކުއާޓާ ފައިނަލުގައި 4-0ގެ ނަތީޖާއަކުން ޖަރުމަން އަތުން ބަލިވުމާ ގުޅިގެންނެވެ.

comment ކޮމެންޓް