މެކްސިކޯގެ މާ ވާހަކަ ގިނަވީ، މިހާރު އެމީހުން އެދަނީ އެނބުރި ގައުމަށް: ނޭމާ

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ވެއްޓިފައި -- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި މެކްސިކޯއާއި ބްރެޒިލް ކުޅުނު މެޗަށްފަހު ބްރެޒިލްގެ ތަރި ނޭމާއަށް މެކްސިކޯ ކޯޗު ހުއާން ކާލޮސް އޮސޯރިއޯއާއި ބައެއް ކުޅުންތެރިން ފާޑުކިޔުމުން އެކަމަށް ނޭމާ ވަރުގަދަ ރައްދެއް ދީފިއެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވީ ނަމަވެސް، ދެވަނަ ހާފުގައި ބްރެޒިލުން ވަނީ ދެ ލަނޑު ޖަހައިފައެވެ. އެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. ބްރެޒިލަށް ނޭމާ ލީޑު ހޯދައިދިން އިރު، އެޓީމަށް ރޮބާޓޯ ފާމީނޯ ލީޑު ފުޅާކޮށްދިނީ ނޭމާ ދިން ބޯޅައަކުންނެވެ.

އެ މެޗުގައި ނޭމާ ދަނޑުމައްޗަށް ވެއްޓިގަނެ، ވަގުތު ނަގާލުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް މެޗަށްފަހު މެކްސިކޯގެ ކޯޗާއި އެޓީމުގެ ބައެއް ކުޅުންތެރިން ވަނީ ބުނެފައެވެ.

"މެކްސިކޯގެ މާ ވާހަކަ ގިނަވީ. އަދި މިހާރު އެމީހުން އެދަނީ އެނބުރި ގައުމަށް. މުޅި ޓީމަށް އަހަރެން މަރުހަބާ ކިޔަން. ބައެއް މެޗުތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ، މިއީ ވަރުގަދަ މެޗުތައް. އަދި މެކްސިކޯއަކީ ވަރުގަދަ ޓީމެއް. އެޓީމުން ފެންވަރު ދެއްކި،" މެޗަށްފަހު ނޭމާ ބުންޏެވެ.

މެޗުގައި ނޭމާއަށް މެކްސިކޯގެ މިގެލް ލަޔުލް ކުރި ފައުލާ ގުޅޭގޮތުން ނޭމާ ބުނީ ލަޔުން ފައުލް ކުރީ ބޯޅަ ނެތިސް ކަމަށާއި އެފަދަ ކަންކަމަކީ ކޮށްގެން ނުވާނެ ފަދަ ކަންތައްތައް ކަމަށެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ 11:00ގައި ކުޅޭ ކުއާޓާ ފައިނަލުގެ މެޗުގައި ބްރެޒިލް ނުކުންނަން ޖެހޭނީ ބެލްޖިއަމްއާ ދެކޮޅަށެވެ. ރޭ ކުޅުނު ގަދަ 16ގެ މެޗުން ބެލްޖިއަމުން ވަނީ 3-2ގެ ނަތީޖާއަކުން ޖަޕާން ބަލިކޮށްފައެވެ.

comment ކޮމެންޓް