މަސްތުވާތަކެތީގެ ވަބާއަށް މެމްބަރުންގެ ހިޔާލު ހުރިގޮތް!

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މަސްތުވާތަކެތި ބޭނުން ކުރާ މީހުން ދުވަހެއް ދުވަހަށް އިތުރުވަމުން ދާތީ އެކަމަށް ހައްލެއް ހޯދައި މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ނައްތާލުމަށް މަޖިލީހުގެ މެމްބަރުން މިއަދު މަޖިލީހަށް ގިނަ ޙިޔާލުތަކެއް ހުށަހަޅައިފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ. އެގޮތުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ މީހުން މެރުމާއި ޓެރަރިޒަމް އަދި ކުޑަކުދިންނާ ބެހުން ފަދަ ކުށަތަކުގައި ދައުވާ އުފުލި ހުކުމް ކުރެވި، އެ ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ މީހުންގެ މައްޗަށް ޑްރަގް ކޯޓުގެ އިހުތިސާސް ނުހިނގާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އުގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި ފެތުރިފައިވާ މިންވަރަށް ބަލާ އިރު އެއީ ހަނު ތިބެވޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށެވެ.

ޑްރަގް ކޯޓުގެ ދަށުގައި ހުރި އިހުތިސާސްތަކެއް ނަގާ އެހެން ބަޔަކަށް ދިނުމުގެ އިތުރުން ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް ޖައުފަރު ވިދާޅުވި އެވެ. އެގޮތުން ޅަފަތުގައި ކުދިން ހޭލުންތެރި ކުރުވުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް ބަލާއިރު އެޑިއުކޭޝަންގެ ދާއިރާއިން ކުދިންނަށް ތަރުބިއްޔަތުގެ ދާއިރާއިން މިކަން ކަން ފަހިވާނެ ގޮތަކަށް މިކަން ކުރެވިގެން ނޫނީ މި ހުއްޓޭނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ޖައުފަރު ވިދާޅުވި އެވެ.

އަދި ކުށްކުރާ މީހުން އިސްލާހު ކުރުމަށް ޖަލަށް ލާއިރު އިސްލާހީ ކަންތައްތަކެއް ގާނޫނަށް ހުށަހެޅުނު އިސްލާހުގައި ނުހިމަނައި ގާނޫނު ފާސްކޮށްފި ނަމަ ގާނޫނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭނެ ކަމަށް ޖައުފަރު ވަނީ ވިދާޅުވީ އެވެ.

މަސްތުވާ ތަކެއްޗާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް އެދެވޭ ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.

"ހިތާމައަކީ މަސްތުވާތަކެތީގެ ވަބާއިން އަޅުގަނޑުމެން ސަލާމަތް ވުމަށް ވާހަކަ ދައްކަމުން ދާއިރު ތަންތަނަށް ބިއްޖެހިފައި ހަމަ ކަނޑައެޅިގެން އެއީ އެ އަމަލުކޮށްގެން ތިބޭ މީހުންކަން އެނގޭ ހާލުގައި ވެސް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުން ބަލާލާފައި ވަކި ކަހަލަ ހަމަތަކެއްގެ މަތިން ނޫންގޮތަކަށް ޓެސްޓުކުރެވޭނެ ގޮތެއްވެސް ނެތްކަން،" އާމިރު ވިދާޅުވި އެވެ.

މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ މަރުހަލާ ބަންދު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް ސުކޫލުތަކުގެ ތެރޭން ޒުވާނުން ހޭލުންތެރި ކުރުވައިގެން ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދީގެން މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވޭނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި އިބްތިދާއި ބަހުސް ފަސް ބިލަކަށް ބަހުސު ކުރަން ހުޅުވާލި ނަމަވެސް ބަހުސްކޮށްފައި ވަނީ އެންމެ ބިލަކަށެވެ. އެއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހުގެ ބިލަށް އެކަންޏެވެ.

comment ކޮމެންޓް