ޕެނަލްޓީގައި ޑެންމާކް ބަލިކޮށް، މޮޑްރިޗްއާއެކު ކްރޮއޭޝިއާ ކުއާޓާއަށް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ޑެންމާކާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ކްރޮއޭޝިއާއިން ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

ޕެނަލްޓީ ޝޫޓްއައުޓްގައި ޑެންމާކް ބަލިކޮށް، ލޫކާ މޮޑްރިޗްއާއެކު ކްރޮއޭޝިއާއިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ ސްޓޭޑިއޯން ނިޒްނީ ނޮވްގޮރޯޑްގައި މިރޭ ކުޅުނު ވޯލްޑް ކަޕް ގަދަ 16ގެ މެޗުގައި ޕެނަލްޓީ ޖަހައިގެން ޑެންމާކް އަތުން ކްރޮއޭޝިއާ މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު އަދި އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު ވެސް ދެ ޓީމު އޮތީ 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ޑެންމާކާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ކްރޮއޭޝިއާއިން ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

އެ މެޗު ފެށިތާ މިނެޓެއްގެ ތެރޭގައި ޑެންމާކުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ތޯމަސް ޑެލަނީ ދިން ބޯޅައަކުން ޑެންމާކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެތިއަސް ޔޯގެންސަންއެވެ. ޑެންމާކުން ލީޑު ހޯދިތާ ތިން މިނެޓުގެ ތެރޭގައި މާރިއޯ މަންޒޫކިޗް ވަނީ ކްރޮއޭޝިއާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ކްރޮއޭޝިއާއަށް ލީޑު ހޯދުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 39 ވަނަ މިނެޓުގައި މޮޑްރިޗް ނަގައިދިން ހުރަހަކުން ޑެޖާން ލޮވްރެން ފޮނުވާލި ހަމަލާ ޑެންމާކް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އިވާން ރަކިޓިޗް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލްއެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ޑެންމާކާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ކްރޮއޭޝިއާއިން ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ޑެންމާކުން ރަނގަޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ޑެންމާކުގެ ޔޫސުފް ޕޫލްސަންއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އެ ދެ ފުރުސަތުގެ ބޭނުން ވެސް އޭނާއަށް ހިފިފައެއް ނުވެއެވެ.

މެޗު ނިމެން ދަނިކޮށް، ލީޑު ހޯދުމަށް ކްރޮއޭޝިއާއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އިވާން ޕެރިސިޗް ފޮނުވާލި ހަމަލާ ޑެންމާކްގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، ރަކިޓިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ދެވަނަ ހާފު ނިމެނިކޮށް، ކްރޮއޭޝިއާއަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ޑެންމާކްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެންޓޭ ރެބިޗްއަށް ޔޯގެންސަން ކުރި ފައުލަކާ ގުޅިގެން ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް، އެޓީމުގެ ކެޕްޓަން މޮޑްރިޗް ފޮނުވާލި ޕެނަލްޓީ، ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ޑެންމާކާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ކްރޮއޭޝިއާއިން ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

މެޗުގެ ފުރިހަމަ ވަގުތު އަދި އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު ވެސް، 1-1ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާގެ އަންދްރޭޖް ކްރަމަރިޗާއި މޮޑްރިޗް އަދި ރަކިޓިޗްގެ ޕެނަލްޓީ ކާމިޔާބުކުރި އިރު، މިލާން ބަޑެލްޖީއާއި ޖޯސިޕް ޕިވަރިޗްގެ ޕެނަލްޓީގެ ހުރަހަކަށްވީ ޑެންމާކުގެ ކީޕަރު ޝްމައިކަލްއެވެ. ޑެންމާކުގެ ސިމޮން ކިޔޯއާއި މައިކަލް ކްރޯން ޑެލީގެ ޕެނަލްޓީ ކާމިޔާބުކުރި އިރު، ކްރިސްޓިއަން އެރިކްސަންއާއި ލަސޭ ޝޯން އަދި ޔޯގެންސަންގެ ޕެނަލްޓީގެ ހުރަހަކަށްވީ ކްރޮއޭޝިއާގެ ކީޕަރު ޑެނިއެލް ސުބަސިޗްއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:00ގައި ކުޅޭ ކުއާޓާގެ މެޗުގައި ކްރޮއޭޝިއާ ނުކުންނަން ޖެހޭނީ ރަޝިއާއާ ދެކޮޅަށެވެ. ރަޝިއާއިން ކުއާޓާގެ ޖާގައެއް ހޯދީ މިރޭ ކުޅުނު ގަދަ 16ގެ މެޗުގައި ޕެނަލްޓީ ޖަހައިގެން ވަރުގަދަ ސްޕެއިން އަތުން މޮޅުވެގެންނެވެ.

comment ކޮމެންޓް