ޕީޕީއެމްގެ ރަނިންމޭޓް އެނގޭނީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލީމަ: އަދުރޭ

ޕީޕީއެމުން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ރަނިންމޭޓް އިއުލާނުކޮށް މެނިފެސްޓޯ އާންމުކުރާނީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލީމަ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ކެމްޕޭން ފަށައިގެން ކުރިއަށް ގެންދިޔަ ނަމަވެސް އަދި މިހާތަނަށް މެނިފެސްޓޯގައި ހިމެނޭ އެއްވެސް ކަމެއް އާންމުކޮށްފައެއް ނުވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ޕީޕީއެމުން މެނިފެސްޓޯ އިއުލާނު ކުރާނީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާއެކީގައި އަޅުގަނޑުމެންގެ ރަނިން މޭޓް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރަނިން މޭޓަކީ މާކުރިން އިއުލާނު ކުރަން ޖެހޭ އެއްޗެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.

އެހެންވީމަ ވަގުތު ޖެހޭއިރު ރަނިންގް މޭޓް ފެންނަން ހުންނާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ މެނިފެސްޓޯވެސް ރައްޔިތުންނަށް އެނގޭނީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

އިންތިހާބަށް ކުރިމަތިލުމަށް ފަހު ރައީސް ޔާމީން ރައްޔިތުންނާ ބައްދަލުކުރައްވާނީ މެނިފެސްޓޯއާއެކު ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމުން ކުރިއަށް ގެންދާ ކެމްޕޭނުގައި ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށް ސްޓޭޝަން ވެގެން ތިބުމަށް އެ ޕާޓީގެ ވަފުދުތައް ދަތުރުފަށާފައިވާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.

އެގޮތުން އައްޑޫ ފުވައްމުލައް އަދި ކުޅުދުއްފުށީގައިވެސް ޓީމުތައް ސްޓޭޝަންވެގެން ތިބޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް