އިބޫ އަކީ ޖެހިލުންވާ މީހެއް ނޫން، ރައީސް ޔާމީނަށް އަޣުލަބިއްޔަތު ލިބޭނެ: ޕީޕީއެމް

ޕީޕީއެމްގެ ނައިބު ރައީސް އަދުރޭ އަދި ޕީޖީ ލީޑަރު ނިހާން --- ސަންފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިއުލާނުކޮށްފައިވާ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ޕީޕީއެމުން ޖެހިލުންވާ ބޭފުޅެއް ނޫން ކަމަށާއި ރައީސް އަބްދުﷲ ޔާމީނު ރިޔާސީ އިންތިހާބުގައި އަޣުލަބިއްޔަތު ނަންގަވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކުރަމުންދާ ކެމްޕޭނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅުން ބަދަލުވީ ކުރިމަތިލާ ކެންޑިޑޭޓްގެ ނަން އެކަނި ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުސޫލުތައް އިބޫ ވެސް ގެންގުޅޭނެ ކަމަށެވެ.

"ނަޝީދުގެ ނަން އިބޫގެ ނަމަށް ބަދަލުވީ. ކަމެއް ބަދަލެއް ނުވޭ. ފުރަތަމަ އެ އޮތީ ވިދާޅުވެފައި ދޮޅު އަހަރުގެ ސަރުކާރެކޭ އެކުލަވާލަނީ. ދޮޅު އަހަރުން ދެ އަހަރުން ފަސް މަހުން ސަރުކާރު ހަދާކަށް ނޫން ރައްޔިތުން ބޭނުން ވަނީ. ރައްޔިތުން ބޭނުން ވަނީ ތަރައްގީ އެކީގަ ކުރިއަށް ދާން،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެން ދޭހަވަނީ "އަންނިގެ އިތުބާރު އިބޫއަށް ވެސް ނެތްކަން" ކަމަށެވެ. އިބޫ ވެރިކަމަށް ގެންނަން ރައީސް ނަޝީދު ބޭނުން ވަނީ ވެރިކަމަށް އައުމަށް ފަހު ނަޝީދު މިނިވަންކޮށް ދައުރުގެ މެދުތެރޭން އިންތިހާބެއް ބާއްވައި ނަޝީދަށް ވެރިކަން ހޯދައި ދޭނެތީ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ނުކުންނަނީ އެމްޑީޕީކަން ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. ކެންޑިޑޭޓަކަށް ކޮންމެ މީހަކު ހުއްޓަސް ނުކުންނަނީ އެމްޑީޕީ ކަމަށާއި އެމްޑީޕީއަކުން ދިވެހިންނަށް ރަނގަޅުވެރިކަމެއް ނުގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.

"އިބޫ ހުއްޓަސް އަދި އެތާ އަބްދުﷲ ޝާހިދު ހުއްޓަސް. އިންނަކަޅޭ ހުއްޓަސް އުދި މުދިމު ހުއްޓަސް ގޯނިބޭ ކުޑައަލީ ހުއްޓަސް މި ނިކުންނަނީ އެމްޑީޕީ. އެއީ ވިސްނަން ޖެހޭ ކަމަކީ. އެމްޑީޕީ ދިވެހި ރައްޔިތުން މިތިބީ ތަޖުރިބާ ކޮށްފައި. އެމްޑީޕީގެ ވެރިކަމެއްގައި އަޅުގަނޑުމެންނަށް ފެނުނީ ތަޅާފޮޅުން ހުޅުޖެހުން." އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަން ބަދަލުކޮށްގެން ކޯޓެއް ލައިގެން ރައްޔިތުންގެ ކުރިމައްޗަށް ދިއުމަކުން ވާނެ މާބޮޑު ފައިދާއެއް ނެތް ކަމަށެވެެ. އަދި "ރައީސް ޔާމީން ބަލިކުރެވޭވެ ވަރުގެ އެހެން ކެންޑިޑޭޓެއް އިދިކޮޅަށް ނުދެއްކޭނެ" ކަމަށް އަދުރޭ ވިދާޅުވި އެވެ.

މަޖިލީހުގެ މަޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އިބޫގެ "އިމާމު ކަމުގެ" ދަށުގައި މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުން ބޭރުގައި ތިއްބަވާ ކަމަށެވެ.

"މަޖިލީހުން ބޭރުގައި ކުޑަ ދޮށުގައި ތިއްބަވަނީ. ކޮފީ މޭޒުން ކޮފީ ގެންދަވާނެ ބަރާބަރަށް. ދެ އަރިމަތީގައި ހުންނާނެ ވަރުގަދަ ލަވާޒާ ދެ މެޝިން. ހަމަ ރަނގަޅަށް އެކްސްޕްރެސޯ ބައްލަވާނެ އެބޭފުޅުން،" ނިހާން ވިދާޅުވި އެވެ.

އަދި މަޖިލީހުގެ ސައި ކޮޓަރީގައި ރަނގަޅަށް ސައިފޮދު ހިއްޕަވާ ކަމަށާއި ނަމަވެސް ގާނޫނުގައި ބުނާ ޒިންމާ އަދާ ކުރުމަށް މަޖިލީހުގެ ތަޅުމަށް މެމްބަރުން ނުވެއްދުމުގައި އިބޫ ވަނީ "ވަރަށް ނުބައި ދައުރެއް އަދާކުރައްވާފައި" ކަން ރައްޔިތުން ދަންނަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

އިބޫ އަކީ ޖެހިލުންވާ ކެންޑިޑޭޓެއް ނޫން ކަމަށް ޕީޕީއެމުން ބުނެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބުނަނީ ރިޔާސީ އިންތިހާބު އިބޫ އަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް