އެމްއީސީސީގައި "މިނީ ވޯލްޑް ކަޕް ފުޓްސެލް" މުބާރާތެއް ބާއްވަނީ

އެމްއީސީސީގައި މިނީ ވާރލްޑް ކަޕް ފުޓްސެލް މުބާރާތެއް ބޭއްވުމަށް ގުރު ނެގުން ކުރިއަށް ގެންދިޔަ ހަފްލާގެ ތެރޭން-- ފޮޓޯ: އެމްއީސީސީ

ރަޝިޔާގައި މިހާރު ކުރިއަށް ދާ ފީފާ ވޯލްޑް ކަޕް 2018 އާ ގުޅުވައިގެން، ސްރީ ލަންކާގައި ސަރުކާރުން ޤާއިމް ކޮށްފައިވާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ގައި މިނީ ވާރލްޑް ކަޕް ފުޓްސެލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްބަސީގެ ސެކަންޑް ސެކެރެޓަރީ ހުސައިން މާޒިން ސަންއަށް ވިދާޅުވީ، މިއީ ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އެމްބެސެޑަރ މުޙައްމަދު ޙުސައިން ޝަރީފް (މުންދު)ގެ އިސްނެންގެވުމުގެ މަތިން ސޯސަން ވިލާގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

ވޯލްޑް ކަޕް 2018ގެ ފޯރި ގަދަކުރުމުގެ ގޮތުންނާ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެއްތަނަކަށް ޖަމާވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކުރުމުގެ ބޭނުމުގައި އިއްޔެ ރޭ ސަފީރުގެ އޮފިޝަލް ރެސިޑެންސްގައި ރޭގަނޑުގެ ފަރީއްކޮޅަކާއެކު ބޭއްވި ޙަފްލާގައި މިމުބާރާތް އިއުލާނުކޮށް ޓީމް ތަކުގެ ގުރުނެގުން އޮތެވެ.

މާޒިން ވިދާޅުވީ، މިމުބާރާތުގައި ވާދަ ކުރާނީ މިހާރު އެމްއީސީސީގައި ރެޖިސްޓަރ ކޮށްފައިވާ 13 ޓީމުގެ ކުޅުންތެރިން ރޭންކްކޮށް އަދި ސީޑް ކޮށްގެން ކަމަށެވެ.

ޖުލައި މަހުގެ 8 އިން 10 އަށް އެމްއީސީސީގެ ފުޓްސެލް އެރީނާގައި ބާއްވާ މި މުބާރާތުގައި ކުޅުންތެރިން ތަމްސީލުކުރާނީ، މިހާރު ރަޝިޔާ 2018 ގެ ރައުންޑް އޮފް 16 އަށް ދަތުރުކޮށްފައިވާ ގައުމުތަކުގެ ތެރެއިން 12 ގައުމެކެވެ. އެއީ އާޖެންޓީނާ، ފްރާންސް، ޕޯޗުގަލް، އުރުގުއޭ، ބްރެޒިލް، މެކްސިކޯ، ކްރޮއޭޝިއާ، ބެލްޖިއަމް، އިންގްލޭންޑް، ސްޕެއިން، ރަޝިޔާ އަދި ކޮލޮމްބިއާއެވެ.

މިމުބާރާތާ ބެހޭގޮތުން ސަފީރު މުންދު ވިދާޅުވީ، މުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށްވެސް ވޯލްޑް ކަޕް ރެޕްލިކާ ޖާރޒީ އެމްއީސީސީގެ ފަރާތުން ފޯރުކޮށްދޭނެއެވެ. އަދި ޗެމްޕިއަން ޓީމަކަށް ވޯލްޑް ކަޕް ރެޕްލިކާ ތައްޓާ އެކު 50،000 ރުޕީސްގެ އިނާމެއް ދޭނެކަމުގައި ވިދާޅުވިއެވެ.

މި މުބާރާތުގެ ރަނަރަޕް ޓީމަށް ދާ ޓީމަކަށް 30،000 ރުޕީސް އަދި ތިން ވަނައަށް ދާ ޓީމަކަށް 20،000 ރުޕީސް ދޭނެކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި މުބާރާތުގެ ހުރިހާ މެޗެއްވެސް ވަނީ ލައިވް ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ވޯލްޑް ކަޕާ ގުޅިގެން އެމްބަސީން ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކާގުޅޭ ގޮތުން މާޒިން ވިދާޅުވީ، ސަފީރުގެ ބެއްލެވުމުގެ ދަށުން، އެމްބަސީއާ އެމްއީސީސީގެ މުވައްޒަފުންގެ މެދުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ރަޝިޔާ 2018 ގެ މެޗު ތަކުގެ ސްކޯ ދިމާ ކުރުމުގެ މަބާރާތުގެ ތަފްޞީލް ހާމަ ކުރުމާ، ވޯލްޑް ކަޕާ ގުޅޭ އިތުރު ކުއިޒް މުބާރާތެއްވެސް އިއްޔެ ރޭގެ ހަފްލާގައި ތައާރަފް ކުރުން އޮތްކަމަށެވެ.

ވޯލްޑް ކަޕް 2018 ބޮޑު ސްކްރީންގައި ބެލުމުގެ ފުރުޞަތުވެސް ސަރުކާރުން ސޯސަން ވިލާގައި ފަހި ކޮށްދީފައިވާނެ ކަމަށާއި މެޗްތައް އޮންނަ ވަގުތުތަކުގައި ކެންޓީނުގެ ޚިދުމަތް ހުއްޓުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށްވެސް މާޒިން ވިދާޅުވިއެވެ.

comment ކޮމެންޓް