ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް މާލެ އަތޮޅު މާވަރު ފަޅު ހިއްކަން އެމްޓީސީސީއަށް

މާވަރު ފިނޮޅުގައި ރަށް ހިއްކަން ނިންމާފައިވާ ގޮތުގެ ޕްލޭން -- ފޮޓޯ/ ގުޑް ކެޗް

ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށްޓަކައި މާލެ އަތޮޅުގެ އުތުރުކޮޅުގައި އޮންނަ ފަޅެއް ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މާލެ އަތޮޅުގެ އުތުރުގައި އޮންނަ "މާވަރު ފަޅު" ނަމަކަށް ކިޔާ ފަޅު ގަނެފައިވަނީ ޓޫރިޒަމް ޕްރޮޕަޓީ ޑިވެލޮޕްކޮށް އަދި މެނޭޖުކުރާ ކުންފުނި، ގުޑް ކެޗް ޕްރައިވެޓް ލިމިޓެޑުންނެވެ.

ދިގުމިނުގައި ތިން ކިލޯމީޓަރު ހުންނަ "މާވަރު ފަޅު"، ގުޑް ކެޗް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މާވަރު ފަޅު ވިއްކާލުމަށްޓަކައި، އެތަނާ ގުޅޭ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރީ އޭޕްރިލް 26 ވަނަ ދުވަހުއެވެ.

މާވަރު ފަޅުގައި ހަތަރު ރަށް ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު "ސަން"އަށް މިއަދު ވިދާޅުވީ މާވަރު ފަޅު ހިއްކުމުގެ މަސައްކަތް، ކުރިއަށް އޮތް 10 ނުވަތަ 15 ވަރަކަށް ދުވަސް ތެރޭގައި ފެށޭ ވަރު ވާނެ ކަމަށެވެ.

ޒިޔަތު ވިދާޅުވީ މި މަސައްކަތުގައި ބޭނުންކުރާނީ އެމްޓީސީސީގެ ކަޓާ ސަކްޝަން ޑްރެޖަރުތަކެއް ކަމަށެވެ.

ގުޑް ކެޗް ކުންފުނިން ބުނެފައިވާ ގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން މާވަރު ފަޅުގައި ހިއްކާނީ ދެ ރަށެވެ. އެއީ އަށް ހެކްޓަރުގެ ދެ ރަށެވެ. އަދި 60 ދުވަހުގެ ތެރޭގައި އެމްޓީސީސީން އެ މަސައްކަތް ނިންމަންޖެހޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ އެ މި ދެ ރަށަކީ ފަސް ތަރިއާއި ހަތް ތަރީގެ ޓޫރިސްޓް ޕްރޮޕަޓީ އަޅާނެ ތަންތަން ކަމަށެވެ.

comment ކޮމެންޓް