މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާ ބަލާއިރު މިއަހަރުގެ އޭޕްރިލް މަހުގައި ރާއްޖޭގެ ރަސްމީ ރިޒާވަށް 59 ޕަސެންޓްގެ ކުރިއެރުމެއް ލިބި، ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މި އަހަރުގެ އޭޕްރިލް މަހުގެ އިގްތިސާދީ އުސްއަލިތަކުގެ ތަފާސް ހިސާބުތަކުގައި ވާ ގޮތުން އޭޕްރިލް މަސް ނިމުނު އިރު ރަސްމީ ރިޒާވް ވަނީ 788.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 59 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އެއީ މަހުން މަހަށް ބަލާއިރު ނުވަ ޕަސެންޓްގެ އިތުރުވުމެކެވެ.
އެމްއެމްއޭއިން އާންމުކުރި އޭޕްރިލް މަހުގެ ގިސާބުތަކުގައި ދައުލަތުގެ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ރިޒާވުގެ މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ.
އެންމެ ފަހުން އެމްއެމްއޭއިން އާންމުކޮށްފައި ވަނީ ޖެނުއަރީ މަހުގެ ރިޒާވްއާ ބެހޭ މައުލޫމާތެވެ. އެގޮތުން ޖެނުއަރީ މަހު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 625.9 މިލިއަން ޑޮލަރެވެ. އެއީ އަހަރުން އަހަރަށް ބަލާ އިރު 31 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މަހުން މަހަށް ބަލާއިރު ހަތް ޕަސެންޓްގެ އިތުރުވުމެކެވެ.
ޖެނުއަރީ މަހު ދައުލަތުގެ ރިޒާވްގެ ތެރެއިން ބޭނުން ކުރަން ހުންނަ ރިޒާވް ހުރީ 205.6 މިލިއަން ޑޮލަރުގައެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު ދެ ޕަސެންޓްގެ ކުރިއެރުމެއް ނަމަވެސް މަހުން މަހަށް ބަލާ އިރު ފާހަގަކުރެވޭ ބަދަލެއް ނާންނަ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް ނުވަތަ "ގްރޮސް އިންޓަނޭޝަނަލް ރިޒާވްސް"އަކީ އެމްއެމްއޭގައި ޔޫއެސް ޑޮލަރުން ހުންނަ ރިޒާވް އެވެ. އަދި ޔޫޒަބަލް ރިޒާވަކީ ގްރޮސް އިންޓަނޭޝަނަލް ރިޒާވްސް (ރާއްޖޭގެ ރަސްމީ ރިޒާވް)އިން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީ އުނިކުރުމުން ބާކީވާ އަދަދެވެ. ޔޫޒަބަލް ރިޒާވްސްއިން ދައްކައިދެނީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭއިން ބޭނުން ކުރުމަށް ހުންނަ ފައިސާގެ އަދަދެވެ.