ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީއާއި، އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރުމަށް ވެސް މަޖިލީހުން ވަނީ ރުހުން ދީފައެވެ.
އިދިކޮޅު އެއްވެސް މެންބަރެއް ބައިވެރިވެފައި ނުވާ އެ ޖަލްސާގައި އުއްތަމަ ފަނޑިޔާރާއި ހައި ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުގެ 36 މެންބަރުންގެ ވޯޓުންނެވެ.
ޑރ. އަހްމަދު އަބްދުﷲ ދީދީ މަތީ ތަޢުލީމު ހޯއްދަވާފައިވަނީ މިސްރުގެ ޤާހިރާގެ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. މިގޮތުން ހާސިލުކުރައްވާފައިވާތަޢުލީމީ ސަރޓިފިކެޓް ތަކަކީ؛
- ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ރޮނގުން ފަރސްޓް ކްލާސް އޮނަރގެ ދަރަޖައިން ޕީއެޗްޑީ
- ކޮންސްޓިޓިއުޝަނަލް ލޯ ގެ ރޮނގުން އެކްސެލެންޓް ދަރަޖައިން މާސްޓަރސް ޑިގްރީ
- ޕަބްލިކް ލޯ ގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ސްޓަޑީސް
- ޝަރީޢަތާއި ގާނޫނީ އިލްމުގެ ރޮނގުން ބެޗްލަރ އޮފް ލޯސް
ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 1996 ވަނަ އަހަރު ވަކާލާތުކުރުމުގެ ހުއްދަ ލިބި ދިވެހިރާއްޖެ އާއި މިސްރުގައި ލީގަލް ކޮންސަލްޓެންޓެންޓެއްގެ ގޮތުގައި ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ މަސައްކަތްކުރައްވާފައެވެ.
ޑރ. އަޙްމަދު އަބްދުﷲ ދީދީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ގެ މަގާމު 2010 ވަނަ އަހަރު ފުރުއްވާފައެވެ. އަދި 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައިވެއެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އެކަޑަމިކް އަދި ޢިލްމީ މަސައްކަތްޕުޅުތަކުގެ ތެރޭގައި ލެކްޗަރަރއެއްގެ ގޮތުން ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް ގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ، ކޮންސްޓިޓިއުޝަނަލް ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، އިސްލާމިކް ކޮންސްޓިޓިއުޝަނަލް ލޯ އަދި އިސްލާމިކް ކްރިމިނަލް ލޯ ކިޔަވައިދެއްވުން ހިމެނެއެވެ. އަދި ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަރނޭޝަނަލް ލޯ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ފިޤްހު އެކަޑަމީގެ މެންބަރެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ދީދީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ.