ސުނާމީގައި ލިބުނު ގެއްލުންތަކުގައި ހަލާކުވި ގެތަކުގެ މަސައްކަތުގައި އުޅުނު ވިމަސް މޯލްޑިވްސްއަށް 1.7 މިލިއަން ރުފިޔާ ދައުލަތުން ހޯދައިދިނީ، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޝަރީއަތް ކުރުމުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށްވާތީ، ފައިސާ ދޫކުރުމަށް އެ ކޯޓުން ނެރުނު އަމުރު ބާތިލުކޮށް ހައިކޯޓުންކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފިއެވެ.
މިއީ ބާތިލުކޮށްފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށް ފިނޭންސުން ދޫކުރި ފައިސާއެއްކަން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އެނގި ހުރެ، އެ ފައިސާ ދޫކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގެ ސިޓީ އިސްލާހުކުރަން އެ ކޯޓުން އަމިއްލައަށް އެދިފައި އޮތް މައްސަލައެކެވެ.
މި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ވިމަސްއިން 2010 ވަނަ އަހަރު ދައުވާކުރީ އެ ރަށުގައި ސުނާމީ ގެތައް އިމާރާތްކުރުމުގައި އުޅުނު ފިލިޕިންސްގެ ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް (ޕީބީޑީސީ)އާ ދެކޮޅަށެވެ.
އެ ދައުވާގައި ވިމަސްއިން ހުށަހެޅީ ދޮންވެލި ސަޕްލައިކޮށްދީގެން އެއްބަސްވުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 72,500 ރުފިޔާ ހޯދުމަށެވެ. އަދި، މެއި 2010 ގެ ފަހުން ފާއިތުވާ ކޮންމެ ދުވަހަކަށް ބާކީ އޮތް އަދަދުގެ ދެ ޕަސެންޓް އިންޓްރެސްޓުގެ ގޮތުގައި ދިނުމަށެވެ.
މިއީ ދޭން ޖެހޭ ފައިސާއެއް ކަމަށް ޕީބީޑީސީން އެއްބަސްވުމުން ހުކުމް އައީ އެ ފައިސާ ދައްކައި ޚަލާސްކުރާށެވެ. އެކަމަކު، މާލީ ހާލަތު ދަށްވެގެން ކަމަށް ބުނެ، ވިލިނގިލީ ކޯޓުގެ ހުކުމާ އެއްގޮތަށް ފިލިޕީންސްގެ ކުންފުނިން އެ ފައިސާއެއް ނުދެއްކިއެވެ.
އެ މައްސަލަ ވިލިނގިލީ ކޯޓަށް ވިމަސްއިން ހުށަހެޅުމުން އެނގުނީ ޕީބީޑީސީން މަސައްކަތް ކުރުވައި، ނުދެވި ހުރި ފައިސާ ހައުސިން މިނިސްޓްރީން ދޭން އެއްބަސްވެފައި އޮތް ކަމެވެ. އެހެންވެ، ވިލިނގިލީ ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކުރީ ފުރަތަމަ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި 1.8 މިލިއަން ރުފިޔާ އެ ކޯޓަށް ޖަމާކުރުމަށެވެ. އެކަމަކު، ޖޫރިމަނާ ފައިސާ ދައްކަން ދައުލަތުން ދެކޮޅު ހެދީއެވެ.
ދައުލަތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ދައުލަތުން އެދުނު ގޮތަށް ހައިކޯޓުން އަމުރުކުރީ ޖޫރިމަނާ ފައިސާ ނުލައި މުއާމަލާތުގެ އަސްލު އަގަށްވާ 72,500 ރުފިޔާ ވިމަސްއަށް ދައުލަތުން ދެއްކުމަށެވެ. ހައިކޯޓުގެ ހުކުމުގައި ވާގޮތުން، ވިމަސްއަށް ދައްކަން ޖެހޭނީ 72,500 ރުފިޔާ ކަމަށް ބުނެފައި އޮއްވައި ފިނޭންސް މިނިސްޓްރީން ޖަމާކުރީ ހައިކޯޓުން ބާތިލުކުރި ވިލިނގިލީ މެޖިސްޓްރީ ކޯޓުގެ ހުކުމާ އެއްގޮތަށް 1.8 މިލިއަން ރުފިޔާއެވެ.
މި ފައިސާ ޖަމާކުރުމަށް ފަހު، ފިނޭންސުން ކޯޓަށާއި ވިމަސްއަށް އެންގީ އެއީ އޮޅިގެން ޖަމާކުރި ފައިސާއެއް ކަމެވެ. އެހެންކަމުން އަނބުރާ އެމްއެމްއޭގެ އެކައުންޓަކަށް ފޮނުވައިދިނުމަށެވެ. އެކަމަކު، މި އެންގުމާ އެއްގޮތަށް ވިލިނގިލީ ކޯޓުން އަމަލެއް ނުކުރިއެވެ.
އެހެންވެ، 2021 ވަނަ އަހަރު ހައިކޯޓުން ކުރި މި ހުކުމް ސުޕްރީމް ކޯޓަށް ހުށަހެޅީ ވިމަސް މޯލްޑިވްސްއިންނެވެ.
ވިލިނގިލީ ކޯޓުގެ އަމުރަށް ވިމަސްއަށް ފިނޭންސުން ފައިސާ ދޫކުރުމުގައި "އިހުމާލުގެ މައްޗަށް އިހުމާލު"ވެފައިވާ ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވެއެވެ. އެ އިހުމާލަށް ފިޔަވަޅު އެޅުމާ އެކު ވިމަސްއަށް ނާޖާއިޒު މަންފާގެ ގޮތުގައި ހޯދައިދިން ފައިސާ އަނބުރާ ދައުލަތަށް ހޯދަން ވެސް އޮތީ އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުން ބުދަ ދުވަހު ނިންމީ، ހައިކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، އަލީ ރަޝީދު ހުސެއިން އަދި ހުސެއިން ޝަހީދެވެ.