އައްޑޫ މީހުން އަތުން އެމްޑީޕީ ސަރުކާރުގައި ނެގި ގޯތިތައް ހަވާލުކުރަން މާދަމާ ފަށަނީ

އީސީސީ ސަރަހައްދު-- އެސަރަހައްދުން ނެގި ގޯތިތައް ހަވާލުކުރަން މާދަމާ ފަށާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސ. ހިތަދޫ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ދައުލަތައް ނެގި ގޯތިތައް އެ ގޯތިތަކުގެ ވެރިފަރާތްތަކާއި ހަވާލުކުރަން މާދަމާ ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ގޯތިތައް ހަވާލުކޮށް އަންނަ މަހުގެ 26 ގެ ކުރިން ނިންމާނެ ކަމަށެވެ.

"މާދަމާ 28 ޖޫން އިން ފެށިގެން އައްޑޫ ކޮންވެންޝަން ސެންޓަރު ސަރަހައްދުން ގޯތިތައް ހަވާލުކުރުން ކުރިއަށް ގެންދެވޭނެ. އުއްމީދަނީ ޖުލައި 26 ގެ ކުރިން ހުރިހާ ބޭފުޅުންނާ ހަވާލުކޮށް ނިންމުން. އިންޝާ ﷲ" މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ނަޝީދުގެ ސަރުކާރުގައި އެ ގޯތިތައް ނެގީ 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް އިމާރާތް ކުރި އީސީސީގެ މަޝްރުއުއާ ގުޅިގެންނެވެ. އެ ގޯތިތައް ނެގީ ބަދަލު ދޭ ގޮތަށެވެ. އަދި އީސީސީ ހިމެނޭ ސަރަހައްދަކީ ފަޅުރަށެއްގެ ގޮތުގައިވެސް އޭރު ކަނޑައެޅިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން އީސީސީގައި މިހާރު ތަރައްގީ ކުރަމުން އަންނަނީ 100 އެނދުގެ ހޮސްޕިޓަލެކެވެ.

comment ކޮމެންޓް