ކްރޮއޭޝިއާ އަތުން ބަލިވެ އައިސްލޭންޑްގެ ފުރަތަމަ ވޯލްޑް ކަޕް ދަތުރަށް ނިމުމެއް

ކްރޮއޭޝިއާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ގްރޫޕް ޑީގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެ އައިސްލޭންޑްގެ ފުރަތަމަ ވޯލްޑް ކަޕް ދަތުރު ނިމިއްޖެއެވެ.

ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ އައިސްލޭންޑުން ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އެޓީމު ކަޓައިގެން ދިޔަ ނަމަވެސް، ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި އާޖެންޓީނާ ހިފަހައްޓައިގެން އައިސްލޭންޑުން ވަނީ ޕޮއިންޓެއް ހޯދައިފައެވެ.

މިރޭގެ މެޗުން މޮޅުވެ ކްރޮއޭޝިއާއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ގަދަ 16އަށް ހިތްވަރު އާކޮށްފައެވެ. ރަޝިއާގެ ރޮސްޓޯވް އެރީނާގައި މިރޭ ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރުވެސް ކްރޮއޭޝިއާއިން ގަދަ 16 ޔަގީން ކޮށްފައި އޮތް އިރު، މެޗަށް ނުކުތީ ގްރޫޕް ސްޓޭޖު ދެވަނަ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ގިނަ ކުޅުންތެރިންނަށް ރެސްޓް ދީގެންނެވެ. އެގޮތުން ފޯވަޑް މާރިއޯ މަންޒޫކިޗާއި އަންޓޭ ރެބިޗްވެސް މިރޭ ބެންޗުން ފެށި އިރު، އީވާން ރަކެޓިޗާއި ޑިފެންޑަރު ޑިޖާން ލޮވްރަން އަދި ކީޕަރު ޑެނިއަލް ސުބަސިޗްވެސް މިރޭގެ ފުރަތަމަ 11އިން ފެނިފައެއް ނުވެއެވެ.

ކްރޮއޭޝިއާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ކުރީކޮޅުގައި އައިސްލޭންޑްގެ އަލްފްރެޑް ފިންބޮގޭސަންއާއި ބިރްކިރް ޔާނަސަންގެ ހަމަލާތައް ހަމަލާތައް ފާހަގަކޮށްލެވިފައިވާ އިރު، ފުރަތަމަ ހާފްގައި ގިނަ ހަމަލާތައް އުފެއްދީ އައިސްލޭންޑުންނެވެ. އެހެން ނަަމަވެސް އެޓީމަށް ކްރޮއޭޝިއާގެ ގޯލް ފޫއަޅުވާ ލެވޭގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުމެ 50 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ލީޑު ނެގިއެވެ. މިލާން ބަޑެއިލީގެ ގޯލާއެކު ކްރޮއޭޝިއާއިން ލީޑު ނަގައިގެން ކުޅެމުން ދިޔަ އިރު، ރޮސްޓޯވް އެރީނާއާ ގާތް ގަނޑަކަށް 1،100 މޭލު ދުރުގައި އޮންނަ ސެއިންޓް ޕީޓާސްބާގު ސްޓޭޑީއަމްގައި ކުޅެމުންދިޔަ ގްރޫޕް ޑީގެ އަނެއް މެޗުގައި ލީޑު ކުރަމުންދިޔައީ އާޖެންޓީނާއެވެ.

ކްރޮއޭޝިއާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އެ މެޗުން އާޖެންޓީނާ މޮޅުވެފައި އޮތް ނަމަވެސް އައިސްލޭންޑުން މޮޅެއް ހޯދައިފިނަމަ، ގޯލްގެ ތަފާތުން އެޓީމަށް ގަދަ 16ގެ ބޮޑު ފުރުސަތެއް އޮތެވެ.

ގަދަ 16ގެ އުންމީދުގައި ކުޅެމުންދިޔަ އައިސްލޭންޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 76 ވަނަ މިނެޓުގައި ގިލްފީ ސިގަޑްސަން ކާމިޔާބުކޮށްދިން ގޯލުންނެވެ. ސިގަޑްސަން ކާމިޔާބުކުރި ޕެނަލްޓީއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތެ ކްރޮއޭޝިއާ ޑިފެންޑަރު ލޮވްރަން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނެލްޓީއެކެވެ.

އާޖެންޓީނާއާއި ނައިޖީރިއާ ވާދަކުރަމުންދިޔަ މެޗު 1-1ގެ ނަތީޖާއެއްގައި އޮތުމުން މޮޅަކާއެކު އައިސްލޭންޑަށް ގަދަ 16 ޔަގީން ކުރެވެން އޮތެވެ. އެހެންކަމުން އެޓީމުން އިތުރު ހިތްވަރަކާއެކު ކުޅުނުކަން ފާހަގަކޮށްލެވުނެވެ. ވެރީރް އިންގަސަންގެ ހަމަލާ ގޯލްގެ ހުރަސް ދަނޑިއާ އަމާޒުވި އިރު، އައިސްލޭންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކްރޮއޭޝިއާއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެން ފެށިއެވެ.

ގްރޫޕްގެ އަނެއް މެޗުގެ ފަހު ވަގުތުގައި އާޖެންޓީނާއިން ލީޑު ނަގައި އެޓީމުން ގަދަ 16އަށް ދިޔަ އިރު، މެޗުގެ ފަހު ވަގުތުގައި އައިސްލޭންޑުގެ އުންމީދުތައް ފެނަށް ހަދާލީ ފަހުވަގުތު އިވާން ޕެރަސިޝް ކްރޮއޭޝިއާއަށް ލީޑު ނަގައިދީ ތިން ޕޮއިންޓް ޔަގީން ކުރުމުންނެވެ.

ކްރޮއޭޝިއާއާއި އައިސްލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ކްރޮއޭޝިއާއިން ގަދަ 16އަށް ދިޔަ އިރު، ދެވަނަ ލިބުނީ އާޖެންޓީނާއަށެވެ. ގަދަ 16ގައި ކްރޮއޭޝިއާއިން ކުޅުން ޖެހޭނީ ޑެންމާކާ ދެކޮޅަށެވެ. އާޖެންޓީނާއިން ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.

އާބާދީ މަދުނަމަވެސް އައިސްލޭންޑް ފެންނަނީ ފުޓުބޯޅައިގައި ގިނަ ތަފާތުތަކެއް ދައްކާ ޓީމެއްގެ ގޮތުގައެވެ. އެގޮތުން 2016 ވަނަ އަހަރު ފްރާންސްގައި ކުރިއަށްދިޔަ ޔޫރޯ މުބާރާތުގެ ކުއާޓާ ފައިނަލަށް އައިސްލޭންޑް ދަތުރު ކުރިއިރު، އެޓީމުން ވަނީ އިންގްލެންޑް ފަދަ ވަރުގަދަ ނަންތައް ލަދު ގަންނަވާލައިފައެވެ.

comment ކޮމެންޓް