އަތިރިމައްޗަށް ނުދާތާ ތިން މަސް، ދިޔަ ދުވަހު ފެނުނީ "މާވަހަރެއް"!

ށ. ފުނަދޫއިން ހޮވި މާވަހަރެއް ކަމަށް ބެލެވޭ އެތި --- ސަން ފޮޓޯ: ކިޔުންތެރިއެއް

ތިން މަހެއްހާ ދުވަހު އަތިރި މައްޗަށް ނުނިކުމެ ހުރުމަށްފަހު، އިއްޔެ އަތިރިމައްޗަށް ނިކުމެ އުޅުމުގެ ތެރޭގައި ށ. ފުނަދޫ ދެމަފިރިއަކަށް މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެއެވެ.

މާވަހަރު ކަމަށް ބެލެވޭ ކަޅު އެއްޗެއް ހޮވި ދެމެފިރިންގެ ތެރެއިން 49 އަހަރުގެ އަނބިމީހާ 'ސަން' އަށް ބުނީ އެއެތި ފެނުނީ، ގިނަ ދުވަސްތަކެއް ވަންދެން އަތިރިމައްޗަށް ނުނިކުމެ ހުރުމަށްފަހު އިއްޔެ ހަވީރު އަތިރިމަތިން ލާފައި އޭނާގެ މަންމަގެ ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ.

"ގާތް ގަޑަކަށް ތިން މަސް ދުވަސްވަރު ވެއްޖެ އެއް ގޮތަކަށް ވެސް އަތިރި މައްޗަށް ނިކުމެ ނުލާތާ. އެކަމު މިއަދު ހަމަ ހިތަށް އެރީ މަންމަ ކައިރިއަށް ގޮސްލާނީ އަތިރީ މަގުންނޭ. އެހެން ހިތާ ދެމަފިރިން އެކުގައި މަންމަ ގެއަށް ދިއުމަށް އަތިރީ މަގުން ދަނިކޮށް މާވަހަރު ފެނުނީ،" ފުނަދޫ ހުޅަނގު ފަރާތުން މާވަހަރު ހޮވި އަންހެން މީހާ ކިޔައިދިނެވެ.

އޭނާ ބުނީ މާވަހަރު ފެނުނީ ރާޅު ފެންޖަހާ ހިސާބުގައި ރާޅާ ދެފުށަށް ޖެހިލަ ޖެހިލަ އޮއްވާ ކަމަށާއި ފެނުމާ އެކު ފިރިމީހާއަށް ދައްކައި އަވަހަށް ނެގީ ކަމަށެވެ.

މާވަހަރު ކަމަށް ބެލެވޭ އެ އެތީގައި 2 ކިލޯ 400 ގްރާމް ހުރި ކަމަށް އެ ދެމަފިރިންގެ އާއިލާ މެންބަރަކު ބުންޏެވެ. އަދި ރަށުގެ ދުވަސް ވީ ބައެއް މީހުން ބެލުމަށްފަހު އެއީ މާވަހަރެއް ކަމަށް ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

އާއިލާއިން އަންނަނީ 'މާވަހަރު' ގަންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރު ފުނަދޫއިން ވަނީ މާވަހަރެއް ކަމަށް ބެލެވޭ 18 ކިލޯގެ އެއްޗެއް ވެސް ހޮވައިފައެވެ. ނަމަވެސް ޓެސްޓްތަކުން އެއީ މާވަހަރެއް ކަމަށް ދައްކާފައެއް ނުވެއެވެ.

comment ކޮމެންޓް